ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމުން އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަން ބާއްވަން ޖެހޭ ބައި އިލެކްޝަންސް ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަނުން (އީސީ)އިން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އިދާރީ މަސައްކަތްތައް މިއަދު ފަށާފައިވާ ކަމަށާއި އަދި ގާނޫނުގައި އޮންނަ ގޮތުގެ މަތިން 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގައި އޮންނަ ގޮތުން، ދައުރުގެ މެދު ތެރެއިން ގޮނޑިއެއް ހުސްވެއްޖެ ނަމަ ދެ މަސް ދުވަހުގެ ތެރޭގައި ނުވަތަ 60 ދުވަހުގެ ތެރޭގައި އެ ދާއިރާގެ ބައި އިލެކްޝަންސް ބާއްވަން ޖެހެ އެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހުސައިން ވަހީދު އަވަހާރަވުމުންނެވެ.

މެންބަރު ހުސައިން އަވަހާރަވެފައި ވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ރޭގެ ވަގުތެއްގަ އެވެ.

ކެންސަރުގެ އާލާސްކަންފުޅަކަށް އޭނާ ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އުމުރުފުޅުން 53 އަހަރުގައި ހުސެއިން އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

ހުސެއިން އަވަހާރަވުމާއި ގުޅިގެން މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އެކި ބޭފުޅުން ގެންދަވަނީ އޭނާ އަށް ހެޔޮ ދުއާކޮށް، އާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.