އިންގްލެންޑް ފުރަބަންދުކުރުމާ ގުޅިގެން، އެ ސަރަޙައްދުގެ ހާލަތު ރަނގަޅުވުމަށް އުންމީދުކުރައްވާ ކަމަށާއި، އެއާއެކު ރާއްޖެއަށް ޒިޔާރަތްކުރާ އެ ގައުމުގެ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި އިނގިރޭސިވިލާތުގެ ސަފީރު ވަނީ ދިވެހި ސަރުކާރުން ކޯވިޑް-19 ގެ މި ހާލަތުގައި ނަންގަވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ، ދާދި ފަހުން ދެ ޤައުމުގެ ދެމެދު ގާއިމުކުރުމަށް އިއުލާންކުރި އެއާ ބްރިޖްގެ ދަށުން ކަރަންޓީނު ނުވެ ރާއްޖެއަށް ޓޫރިސްޓުންނަށް އައުމަށް މަގުފަހިވެގެން ދިއުމަށް އުންމީދުކުރައްވާ ވެސް ވިދާޅުވެފަ އެވެ. މީގެ އިތުރުން ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިނގިރޭސިވިލާތުން އިޢުލާނުކުރުމާއި ގުޅިގެން، އެ ކަމަށް ވެސް ރައީސް ޝުކުރު އަދާކުރައްވާފައިވާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް އޮފީހުގެ ނޫސްބަޔާނުގައި ވަނީ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ބަދަހި ދޭދޭ ގުޅުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ރާއްޖޭގައި ގާއިމުވެ ހުންނަވާ އިނގިރޭސިވިލާތުގެ ފުރަތަމަ ސަފީރުކަމުގެ މަގާމުގެ ފުރަތަމަ ދައުރު ފުރިހަމަކުރައްވާފައިވާތީ، އެ ކަން ފާހަގަކުރައްވާ، ކެރޮން ރޮސްލާއަށް ރައީސް މަރުހަބާ ދަންނަވާފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިނގިރޭސިވިލާތުގެ ސަފީރު ވަނީ ފަތުރުވެރިކަމުގެ ސިނާއަތާއި، ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން، އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރުމަށް ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާއި، ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން އެކުގައި މަސައްކަތްކުރުމާއި، މޫސުމާ ގުޅޭ ކަންތައްތަކުގައި ގުޅިގެން މަސައްކަތްކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ކެރޮން ރޮސްލާއަކީ ރާއްޖޭގައި ގާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރެވެ. އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ އޮކްޓޫބަރު30، 2019ގަ އެވެ.

"މިއީ މި ސަރުކާރުގެ އެއް ވައުދުކަމުގައިވާ އެހެން ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ ވައުދުގެ ދަށުން މި އަހަރުގެ ފެބުރުވަރީ މަހު ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރަކަށްވުމާއި ގުޅިގެން ހޯދިފައިވާ ކުރިއެރުމެކެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ކަމުގައި އިނގިރޭސި ވިލާތުގެ ސަފީރުގެ ގޮތުގައި ކެރޮން ރޮސްލާ އަދާކުރައްވާ ދައުރު ފާހަގަކުރައްވައި، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ." ރައީސް އޮފީހުގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ކެރޮން ރޮސްލާގެ ސަފީރުކަމުގެ ދައުރުގައި، މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެކުގައި މަސައްކަތްކުރުމާއި، އަދި ވެސް އެހެނިހެން ދާއިރާތުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މަސައްކަތްކޮށްފައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، 26 ވަނަ ޔޫއެން ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ސީއޯޕީ 26) ގައި ރާއްޖެއިން ބައިވެރިވުމަށް އިނގިރޭސި ވިލާތުން ދީފައިވާ ދައުވަތަށް ޝުކުރު ދަންނަވާފައި ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.