ނައިބު ރައީސް ކަމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކިކުރި މައްސަލާގައި ދައުލަތާ ދެކޮޅަށް އޭނާ ހުށަހެޅުއްވި ދުސްތޫރީ މައްސަލާގެ ޝަރީއަތް މިމަހުން ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު މަޖިލީހުން ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން ޖަމީލް އެ މަގާމުން ވަކި ކުރެއްވި މައްސަލާގައި މަޖިލީހާއި ދައުލަތާ ދެކޮޅަށް ޖަމީލް ހުށަހެޅުއްވި މައްސަލާގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ޖަމީލް މަގާމުން ވަކި ކުރެއްވުމަށް ފަހު ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވި އަހުމަދު އަދީބު ވެސް މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ މަގާމުން ވަކިކުރި އެވެ. ޖަމީލް ވަކި ކުރެއްވީ އޭރުގެ އިދިކޮޅު ފަރާތްތަކާ އޭނާއާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށެވެ. އޭރު ޖަމީލް ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އޭނާ ރާއްޖެ ވަޑައިގަތީ ތިން އަހަރު ފަހުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު އެވެ.