ޖޮހޯ ބަރޫ (16 ޑިސެމްބަރު) - 50 މީހުންނާއެކު މެލޭޝިއާއަށް ދަތުރު ކުރަމުން ދިޔަ ބޯޓެއް އެ ގައުމުގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ޖޮހޯ ކައިރިން ބަންޑުން ޖަހާލައި ގިނަ ބަޔަކު މަރުވެއްޖެ އެވެ.
މެލޭޝިއާގެ އޮފިޝަލުން ބުނި ގޮތުގައި ބޯޓުން ދަތުރުކުރި 50 މީހުންގެ ތެރެއިން 16 މީހަކު މަރުވެ 14 މީހަކު ސަލާމަތް ކުރެވިފައިވާއިރު އިތުރު 20 މީހަކު އަދިވެސް ނުފެނެ އެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ދިހަ ފިރިހެނުންނާއި ހަ އަންހެނުން ކަމަށް މެލޭޝިއަން މެރިޓައިމް އެންފޯސްމަންޓް އެޖެންސީއިން ބުނެފައިވެ އެވެ.
ބެލެވޭ ގޮތުގައި މި ބޯޓުން ދަތުރުކުރި މީހުންނަކީ ވަޒީފާގެ ބޭނުމުގައި އިންޑޮނޭޝިއާއިން މެލޭޝިއާއަށް ދަތުރުކުރި މީހުންނެވެ. މެލޭޝިއާއަކީ އިންޑޮނޭޝިއާގެ ރައްޔިތުން ވަޒީފާ ހޯދުމަށްޓަކައި ހިޖުރަކުރާ މައިގަނޑު އެއް ގައުމެވެ.
މީގެ ތެރެއިން ގިނަ މީހުންނަކީ ގާނޫނީ އެއްވެސް ލިޔުމެއް ނެތި ގަވާއިދާ ޚިލާފަށް މެލޭޝިއާއަށް އެތެރެވާ މީހުން ކަމަށް އިދާރާތަކުން ބުނެ އެވެ.
ޖަކާޓާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ބުނި ގޮތުގައި ކޮންމެ އަހަރަކު ވެސް 10،000 އާއި 20،000 އާ ދެމެދުގެ އަދަދަކަށް އިންޑޮނޭޝިއާ ރައްޔިތުން މެލޭޝިއާއަށް ހިޖުރަކުރެ އެވެ. – ދަ ސްޓްރެއިޓް ޓައިމްސް