ބަލިވެއިނުމާއި ވިހެއުމުން ބައެއް އަންހެނުންނަށް ލިބޭ އުފާވެރިކަމަށް އުނިކަން އަންނަނީ ވިހެއުމާ ގުޅިގެން އެމީހުންނަށް ދިމާވާ ޕޯސްޓްޕާޓަމް ޑިޕްރެޝަންގެ ސަބަބުންނެވެ. މިކަމާ ބެހޭ ގޮތުން ކޮށްފައިވާ ފަހުގެ ދިރާސާއެއް ދައްކާ ގޮތުން މާބޮޑަށް ހަށިގަނޑަށް ބާރު ނުކުރާ ކަހަލަ ކަސްރަތު ކުރުމުން ވެސް މި މައްސަލަ ހައްލުކުރަން ފަސޭހަވެ އެވެ.

މިފަދަ ކަސްރަތުގެ ތެރޭގައި ސައިންސްވެރިން ފާހަގަ ކޮށްފައިވާ އެއް ކަމަކީ ސްޓްރޯލާއަކަށް ދަރިފުޅު ލައިގެން ހިނގާލަން ދިއުން ފަދަ ކަންކަމެވެ. މިކަހަލަ އާދައިގެ ކަސްރަތުން ވެސް އަލަށް މަންމައިންނަށްވާ އަންހެނުންގެ ޑިޕްރެޝަންގެ މައްސަލަތައް އުޅޭނަމަ އެކަމަށް ލުއި ލިބޭ ކަމަށް ސައިންސްވެރިން ފާހަގަ ކޮށްފައިވެ އެވެ.

މި ދިރާސާގައިި އިސްކޮށް މަސައްކަތް ކުރެއްވި ސްޕެއިންގެ ކުއެންކާގެ ޔުނިވަސިޓީ އޮފް ކަސްޓިލާ-ލަ މަންޗާގެ ރިސާޗާ ސީލިއާ އަލްވަރޭޒް-ބުއޭނޯ ވިދާޅުވީ ވިހެއުމާ ގުޅިގެން ކުރިމަތިވާ ޑިޕްރެޝަަންގެ ނުރަނގަޅު އަސަރުތައް ކުރަނީ ހަމައެކަނި މައިންނަށް އެކަނި ނޫނެވެ. އޭނާގެ ކުޑަ ދަރިފުޅަށް ވެސް މިކަމުން ވަރަށް ނުރަނގަޅު އަސަރުތައް ކޮށް އޭނާގެ ސިކުނޑި އާއި ވިސްނުން ތަރައްގީވުމުގައި އެކަމުގެ ނޭދެވޭ އަސަރުތައް ފޯރަ އެވެ.

ޕޯސްޓްޕާޓަމް ޑިޕްރެޝަން އާއްމުކޮށް ދިމާވަނީ ވިހައިގެން ހަތަރު ހަފުތާ ތެރޭގަ އެވެ. އަދި ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް މިކަމުގައި ނަގައިފިނަމަ އެއީ ކަންބޮޑުވާން ޖެހޭ ފަދަ ކަމެއްގެ ގޮތުގައި ބެލެވެ އެވެ.

މި ދިރާސާކުރި ޓީމުން އެނަލައިޒްކޮށްފައިވަނީ މާބަނޑު އަންހެނުންތަކެކެވެ. ގިނަ ދުވަސްތަކަކަށް ކުރިޔަށް ގެންދިޔަ މި ދިރާސާގައި ޕޯސްޓްޕާޓަމް ޑިޕްރެޝަންގެ މައްސަލަތައް ދިމާވި މިންވަރު ދެނެގަތެވެ. އެއީ އެކަމުގައި އުޅެން ޖެހުނު މުއްދަތާއި އަދި ޖެހުނު މިންވަރު ބަލައި ކަސްރަތު ކުރުމުން ލިބުނު ފައިދާ ވެސް ދެނެގަނެގެންނެވެ.

މިފަދަ މީހުން ކުރާ ކަސްރަތުތައް ކަމަށް ބަލާފައިވަނީ ސްޓްރެޗް އަދި ބްރީތިންން އެކްސަސައިޒް، ހިނގުން، އެރޮބިިކް ހަރަކާތްތައް އަދި ޔޯގާ އެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ވިހެއުމަށްފަހު އެއްވެސް މިންވަރަކަށް ކަސްރަތުކޮށް ނޫޅޭ މީހުންނަށް ޑިޕްރެޝަންގެ މައްސަލަތައް މާ ގަދަޔަށް ކުރިމަތިވެ އެވެ.

ދަ އެމެރިކަން ކޮލެޖް އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީއިން 2009 ގައި ނެރެފައިވާ ރިކޮމެންޑޭޝަންގައިވާ ގޮތުން މާބަނޑުދުވަސްވަރާއި ވިހައިގެން މާ ގިނަ ދުވަސް ނުވަނީސް ދުވާލަކު 30 މިނިޓް އިރު އާދައިގެ ލުއި ކަސްރަތުތައް ކުރުން މުހިއްމެވެ.