ކުއަލަ ލަމްޕޫރު (19 ޑިސެމްބަރު) - މެލޭޝިއާއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުކުރުން ހުއްޓި، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދާން ޖެހިއްޖެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގައުމުގެ ބޮޑު ވަޒީރު އިސްމާއިލް ސަބްރީ ޔާކޫބް ވިދާޅުވީ އަސްކަރިއްޔާއާއި ފުލުހުން އަދި ފަޔާ ޑިޕާޓްމަންޓް ހިމެނޭ ގޮތަށް 66،000 އަށްވުރެ ގިނަ އޮފިޝަލުން މީހުން ސަލާމަތް ކުރުމުގައި މިހާރު ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މެލޭޝިއާގެ އެކި ހިސާބުތަކަށް، ހާއްސަކޮށް އިރުމަތީ އައްސޭރި ފަށުގެ ސަރަހައްދުތަކަށް ކޮންމެ އަހަރަކު ވެސް އޮކްޓޯބަރު މަހުން ފެށިގެން މާޗު މަހާ ހަމައަށް މޫސުމީ ވިއްސާރަ ކުރެ އެވެ.

މި އަހަރުގެ ވިއްސާރައިގައި މިދިޔަ ހުކުރު ދުވަހު ވާރޭ ވެހެން ފެށިގޮތަށް ވާރޭ ހުއްޓާލާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. މި ހާދިސާގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ސެލަންގޯރު އަވަށަށެވެ.

"ސެލެންގޯރު މިވަގުތު އޮތީ ގޯސް ހާލަތެއްގައި. އެހެން އަވަށްތަކުން ވަނީ ކުރިއާލާ ވިއްސާރަ މޫސުމަށް ތައްޔާރު ވެފައި،" އިސްމާއިލް ސަބްރީ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އާއްމު ވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެގައުމުގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ އެއްގަމު އުޅަނދުތަކަށް ވެސް ވަނީ ވަރަށް ބޮޑު ގެއްލުންތަކެއް ލިބިފަ އެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިންތަކެއް ވެސް ދިރިއުޅެމުން އަންނަ ގައުމެކެވެ. -- އަލް އަރަބިއްޔާ