ކަނޑިންމަ ރިސޯޓުން ރޭ ކޮވިޑަށް ޓެސްޓުކުރި ސާމްޕަލް ތަކުގެ ތެރެއިން ދެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން ބުނެފި އެވެ.

އެ ސެންޓަރުން މިއަދު ބުނީ ޕޮޒިޓިވްވެފައި ވަނީ ރިސޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފެއް ކަމަށެވެ. ރޭ ޓެސްޓުކުރި 33 ސާމްޕަލްގެ ތެރޭގައި ހިމެނެނީ އެ ރިސޯޓުގައި މަސައްކަތްކުރާ 12 މުވައްޒަފަކާއި ފުރުމުގެ ކުރިން ޓެސްޓު ހެދުމަށް ނަގާފައިވާ 21 ޑިޕާޗާ ސާމްޕަލެއް ކަމަށް ވެސް އެޗްއީއޯސީން ބުންޏެވެ.

އެ ސެންޓަރުން ބުނީ އިތުރު 149 ސާމްޕަލް ނަގާފައިވާ ކަމަށާއި މި ސާމްޕަލްތައް މިރޭ ޓެސްޓުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮވިޑް ޖެހިގެން އެ ރިސޯޓުން ހާލުދެރަވެގެން ފަރުވާދޭން ކުޑަހުވަދުއަށް ގެންދިޔަ މުވައްޒަފަކު މިދިޔަ ހުކުރު ދުވަހު ވަނީ މަރުވެފަ އެވެ. ނަމަވެސް އެމީހާ އެ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ، މަރުވިފަހުން ނެގި ސާމްޕަލުންނެވެ.

ކަނޑިންމަ ރިސޯޓުން ބަލި ފެނުމާ ގުޅިގެން ދ. އަތޮޅު ހޮސްޕިޓަލުން ޚާއްސަ ޓީމެއް އެރިސޯޓަށް ގޮސްގެން ކޮންޓެކްޓް ޓްރޭސިން އާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްއީއޯސީން ބުނެފައިވެ އެވެ.

ހޮނިހިރު ދުވަހު އެ ރަށުން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މިހާރު އެ ރިސޯޓަށް އަރާފޭބުން ވަނީ މަނާކޮށްފަ އެވެ.