ޖިންސީ ގޯނާގެ އަމަލުތަކަކީ ކުޑަ ކަމެއް ކަމުގައި ދޭހަވާ ގޮތަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅާ ގުޅިގެން އެހެން ގައުމެއް ނަމަ، ފެނުނީހީ މައާފަށް އެދިވަޑައިގަތުމާއެކު މަގާމުން އިސްތިއުފާދެއްވާ މަންޒަރު ކަމަށް ރައްޔިތުން މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ.

މާލޭގައި ޓެކްސީ ދަތުރުކުރުމުގެ މަސައްކަތްކުރާ ހަމައެކަނި އަންހެން ޑުރައިވަރަށް ހަމަލާދޭ މައްސަލާގައި މިއަދު މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލާގައި ބަހުސްކުރައްވަމުން މީކާއީލް ވިދާޅުވީ އާމިނަތު ވަހީދާއަށް ދެމުންދާ ހަމަލާތަކަކީ އޭނާ ވަކި މިންތިއަކަށް ނުވަތަ ޖިންސަކަށް ނިސްބަތާވާތީ ދޭ ހަމަލާތަކެއް ކަމަށެވެ. އަދި ފަސް ފަހަރެއްގެ މަތިން އާމިނަތު ވަހީދާއަށް ހަމަލާދީފައިވާއިރު، އެކަން ތަހުގީގުކުރެވި އެކަންކުރާ މީހާއަށް ފިޔަވަޅު ނޭޅުމުން އެނގެނީ މިފަދަ ކަންކަމަށް ތަހުގީގީ އިދާރާތަކުން ދޭ އަހަންމިއްޔަތުކަން ކަމުގައި ވެސް މީކާއީލް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ، ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިވާ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހިނގާފައިވަނީ ޢާންމުން ތިބޭ ތަނެއްގައި ވެސް، ނުވަތަ ޕަބްލިކް ތަނެއްގައި ވެސް ހިނގާފާނެ ވަރުގެ ކަމެއް ކަމަށެވެ. އަދި އެއީ އެކަން ހިނގުމުން ކަމެއް ވިކަން ވެސް ނޭނގޭ ވަރުގެ ކަމެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

ޢިމްރާންގެ އެ ވާހަކަފުޅަކީ މިންތީގެ މައްޗަށް ބިނާވެފައިވާ ކުށްތަކަށް ދެވޭ ހިތްވަރެއް ކަމަށް ގަބޫލުކުރައްވާ ކަމަށް މީކާއީލް ވިދާޅުވި އެވެ.

"މީހަކާމެދު ޖިންސީ ކުށުގެ އަމަލެއް ހިންގީމައި، ފުލުހުންގެ މިނިސްޓްރީއާއި ފުލުހުންގެ މުއައްސަސާއާ ހަވާލުވެ ހުންނަ މިނިސްޓްރީގެ ވަޒީރު އެއީ ކުޑަކަމެއް ކަމުގައި ވިދާޅުވީމައި އަޅުގަނޑަށް ހީވަނީ ޖުމްލަ ގޮތެއްގައި މިކަހަލަ އަމަލުތަކަށް ހިތްވަރުދެވޭހެން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން މައާފަށް އެދިވަޑައިގެންފައިވާކަން ގަބޫލުކުރައްވާ ކަމަށް މީކާއީލް ވިދާޅުވި އެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމެއް ގައި ނަމަ، މައާފަށް އެދިވަޑައިގަތުމާއެކު މަގާމުން އިސްތިއުފާ ދެއްވީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންނަމަވެސް އެހެން ޤައުމެއްގައި ނަމަ އަޅުގަނޑުމެންނަށް ފެންނާނީ މަޢާފަށް އެދުމާއެކު ރައީސްގެ އަތްޕުޅަށް އިސްތިއުފާގެ ސިޓީދެއްވާ ތަން،" މީކާއީލް ވިދާޅުވި އެވެ.