ދުބާއީ (21 ޑިސެމްބަރު) - ދުބާއީގެ އަމީރު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ކުރީގެ އަނބިމީހާ އާއި އެ މީހުންގެ ދަރިންނަށް 550 މިލިއަން ޕައުންޑް ނުވަތަ ގާތްގަނޑަކަށް 730 މިލިއަން ޑޮލަރު ދިނުމަށް އިނގިރޭސި ކޯޓަކުން އަންގާރަ ދުވަހު އަމުރުކޮށްފި އެވެ.

މިއީ އިނގިރޭސިވިލާތުގެ ތާރީހުގައި ވަރީގެ މައްސަލައެއްގައި ބަދަލުގެ ގޮތުގައި ނަގައިދިން އެންމެ ބޮޑު އަދަދު ކަމަށްވެ އެވެ.

ހައިކޯޓުން ބުނީ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް އޭނާގެ ހަވަނަ އަނބިކަނބަލުން ޕްރިންސެސް ހަޔާ ބިންތު އަލް ހުސައިނަށް 251.5 މިލިއަން ޕައުންޑް ދައްކަން ޖެހޭނެ ކަމަށާއި އަދި 290 މިލިއަން ޕައުންޑްގެ ބޭންކް ގެރެންޓީއެއްގެ މައްޗަށް ބިނާކޮށް އެ މީހުންގެ ދަރިން ކަމަށްވާ އަލް ޖަލީލާ، 14، އާއި ޒައިދު، 9، އަށް އެ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.

މި ކުދިންނަށް ލިބޭ ޖުމްލަ އަދަދު 290 މިލިއަން ޕައުންޑަށް ވުރެ ގިނަވެ ނުވަތަ އެއަށް ވުރެ ވެސް މަދުވެދާނެ އެވެ. އެ ފައިސާ ލިބޭނީ އެ މީހުން ދިރިއުޅެނީ ކިހާ މުއްދަތަކަށްތޯ އާއި ބައްޕައާ އެއްގޮތްވޭތޯ ބެލުން ފަދަ ކަންކަމުގެ މައްޗަށެވެ. އަދި ޕްރިންސެސް ހަޔާ އާއި ކުދިން ޅަކަމުން އެ ކުދިންގެ ސެކިއުރިޓީ ހަރަދުތައް ހަމަޖެއްސުމަށް އަހަރަކު 11 މިލިއަން ޕައުންޑް ދިނުން ވެސް މި ސެޓްލްމަންޓްގައި ހިމެނެ އެވެ.

ފަނޑިޔާރު ފިލިޕް މޫރު ވިދާޅުވީ އާއިލާއަށް "އިންތިހާއަށް ވަރުގަދަ ސަލާމަތީ ކަންކަން" ބޭނުންވާ ކަމަށާއި، އެމީހުންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބޭރުން އަންނާނެ ނުރައްކަލަކަށް ވުރެ ޝެއިޚް މުހަންމަދުގެ ފަރާތުން އަތުވެދާނެ ނުރައްކަލެއް ކަމަށެވެ.

އުމުރުން 47 އަހަރުގެ ހަޔާ 2019 ވަނަ އަހަރު އިނގިރޭސިވިލާތަށް ފިލައިގެން ގޮސް އިނގިރޭސި ކޯޓުތައް މެދުވެރިކޮށް އޭނާގެ ދެ ދަރިން ހޯއްދެވި އެވެ. އުރުދުންގެ އަވަހާރަވެފައިވާ ރަސްގެފާނު ހުސެންގެ ދަރިކަނބަލުން ޕްރިންސެސް ވިދާޅުވީ، އެކަމަނާގެ ދެ ދަރިކަނބަލުން ގަލްފުގެ އެމިރޭޓްސްއަށް މަޖުބޫރުން އެނބުރި ވަޑައިގަންނަން ޖެހިދާނެތީ ބިރުފުޅު ގަންނަ ކަމަށެވެ.

އުމުރުފުޅުން 72 އަހަރުގެ ޝެއިޚް މުހައްމަދަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ނައިބު ރައީސް އަދި ބޮޑުވަޒީރުގެ އިތުރުން އަސް ގެންގުޅުއްވާ ބޭފުކެވެ. އަދި އޮކްސްފޯޑް ޔުނިވާސިޓީގެ ގްރެޖުއޭޓެއް ކަމަށްވާ ހަޔާއަކީ ވެސް ވަރަށް ޝައުގުވެރި ކަމާއެކު ފަރިތަކޮށް، 2000 ވަނަ އަހަރު ސިޑްނީ އޮލިމްޕިކްސްގައި ޖޯޑަން އަށް ޝޯ ޖަމްޕިން ގައި ވާދަކުރެއްވި ބޭފުކެވެ.

އިނގިރޭސި ފެމިލީ ކޯޓުގެ ވަކި ފަނޑިޔާރަކު މިދިޔަ އޮކްޓޯބަރު މަހު ކުރި ހުކުމުގައި ބުނެފައި ވަނީ ޕްރިންސެސް ހަޔާގެ ފޯނު ހެކް ކުރުމުގެ ހުއްދަ ޝެއިޚް މުހައްމަދު ވަނީ އެ ދެ ބޭފުޅުންގެ ގާނޫނީ ހަނގުރާމައިގެ ތެރޭގައި ދީފައި ކަމަށެވެ.

ފަނޑިޔާރު އެންޑްރޫ މެކްފަރލޭން ވިދާޅުވީ، އިސްރާއީލުގެ އެންއެސްއޯ ގްރޫޕުން އުފައްދާ ޕެގަސޫސް ސްޕައިވެއާ ބޭނުންކޮށްގެން ޕްރިންސެސް އާއި އޭނާގެ ލޯޔަރުންގެ ފޯނުތައް ހެކް ކުރުމަށް ޝައިޚް އޭނާގެ ބާރު ހިންގާ ފަރާތްތަކަށް ހުއްދަ ދެއްވާފައިވާ ކަމަށެވެ. މި ސޮފްޓްވެއާއަކީ ހަމައެކަނި އެ ގައުމުތަކުގެ ސަލާމަތީ ޚިދުމަތްތަކުން ބޭނުންކުރުމަށް ލައިސަންސް ދީފައިވާ ސޮފްޓްވެއާއެކެވެ.

އެކަމަކު ޝެއިޚް މުހަންމަދު ވަނީ ހެކްކުރި ކަމުގެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. -- އޭޕީ