ބޫޓުން ކުނިވަސް ދުވުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލަ އެކެވެ. ހާއްސަކޮށް ލޮނުދާ ހިއްލާ މީހުންނަށް މިއީ ވަރަށް އާއްމު ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ބޫޓުން ނުބައި ވަސް ދުވާނަމަ ކުރެވިދާނެ ބައެއް ކަންކަމަށެވެ.

އަވީލުން

ބޫޓު ތެމިއްޖެ ނަމަ ހިއްކަން އެންމެ ފަސޭހަ ގޮތަކީ އަވީލުމެވެ. ބައެއް ފަހަރު، އަތްވަށް ލުމުން ވަސް ވެސް ކެނޑޭނެ އެވެ. ނުބައި ވަސް އުފައްދަން މެދުވެރިކުރާ ބެކްޓީރިއާތައް މަރުވާނެ އެވެ.

ފިނިކުރުން

ޕްލާސްޓިކް ކޮތަޅެއްގެ ތެރެއަށް ބޫޓު ލުމަށް ފަހު އައިސްއަލަމާރި އަށް ލާފައި ބާއްވާށެވެ. މި ވެސް ނުބައި ވަސް އުފައްދަން މެދުވެރިކުރާ ބެކްޓީރިއާތައް މަރާލެވިދާނެ ގޮތެކެވެ.

ބޭކިން ސޯޑާ

އައިސްއަލަމާރިއަށް ލައިގެން ވަސް ނުކެނޑިއްޖެ ނަމަ ބޫޓުގެ އެތެރެއަށް ބޭކިން ސޯޑާ ކޮޅެއް އަޅާލާށެވެ. އޭރަށް އެ ވަސްތައް ބޭކިން ސޯޑާ އޭގެ ތެރެއަށް ދަމައި ގަންނާނެ އެވެ.

އޮރެންޖް ތޮށި

ރޭގަނޑު ނިދުމުގެ ކުރިން އޮރެންޖް ތޮށިކޮޅެއް ބޫޓު ތެރެއަށް ލާފައި ބާއްވާށެވެ. އޮރެންޖް ތޮށީގެ އިތުރުން ހަމަ މިގޮތަށް ލުނބޯ ނުވަތަ ގްރޭޕްފުރުޓްގެ ތޮށިގަނޑު ވެސް ބޭނުންކުރެވިދާނެ އެވެ.

ސައިފަތް

ކަޅު ސައިފަތް ޕެކެޓުގައި ހުންނަ ޓެނިން ކިޔާ މާއްދާއަކުން، ބޫޓުގައި ހުންނަ، ނުބައި ވަސް ދުވަން މެދުވެރިކުރުވާ ބެކްޓީރިއާތައް ފަސޭހައިން ނައްތާލަ ދޭނެ އެވެ. ހޫނު ފެނުގައި ސައިފަތް ޕެކެޓް އިރުކޮޅެއް ވަންދެން ބޭއްވުމަށް ފަހު ނަގާފައި ހިހޫވަންދެން ފަސް ވަރަކަށް މިނެޓް ބާއްވާށެވެ. އެއަށް ފަހު ގަޑިއިރެއްހާއިރު ވަންދެން ބޫޓު ތެރެއަށް ލާފައި ބޭއްވުމުން ވަސް ކެނޑޭނެ އެވެ.