ވޮޝިންޓަން (22 ޑިސެމްބަރު) - އީރާނުން މަސައްކަތް ކުރަނީ އެ ގައުމުން ބޭނުންވާ ގޮތަށް ނިއުކްލިއާ އެއްބަސްވުން ބަދަލުކުރަން ކަމަށް އެމެރިކާއިން އީރާނަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ރޮބާޓް މެލީ ވިދާޅުވެެއްޖެ އެވެ.

ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ރޮބާޓް އިތުރަށް ވިދާޅުވީ އެކަން އެގޮތަށް ކުރިއަށްދާނަމަ އިޔާދަ ކުރެވޭނެ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.

ރޮބާޓް މިހެން ވިދާޅުވެފައި މިވަނީ ވިއެނާގައި ބޭއްވި ނިއުކްލިއާ މަޝްވަރާތަކުގެ ހަތްވަނަ ބުރު މާބޮޑު ކުރިއެރުމެއް ނެތި ނިންމާލަން ޖެހުނު ދަނޑިވަޅެއްގަ އެވެ.

ފުރަތަމަ ހަ ބުރަށްފަހު އެއްބަސްވުން އަލުން އިޔާދަ ކުރެވޭނެ ކަމުގެ އުއްމީދު އެމެރިކާއަށް އޮތް ނަމަވެސް އީރާނުގެ އާ އިންތިހާބަށްފަހު އެގައުމުން ވަނީ އެއްބަސްވުމާ ޚިލާފުވެ ޔޫރެނިއަމް އުފެއްދުން އިތުރު ކޮށްފަ އެވެ.

"އީރާނުގެ އަމަލުތައް އެހެން ހުރިނަމަ މާ ގިނަ ދުވެހެއް ނުވެ އަލުން އިޔާދަ ކުރާނެ އެއްބަސްވުމެއް ނޯންނާނެ،" ރޮބާޓް ވިދާޅުވި އެވެ.

އީރާނުގެ އެދުމުގެ މަތިން ވިއެނާގައި ބޭއްވި މަޝްވަރާތައް ނިންމާލާފައިވާއިރު މަޝްވަރާތައް އަލުން ފަށާނެ ދުވަހެއް އެގައުމުން ހާމަކޮށްފައިނުވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ. -- އަލް އަރަބިއްޔާ