ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްސް ރަން"ގެ މިއަހަރުގެ ދުވުން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ހަތަރު އުމުރުފުރާއެއްގެ ޖުމްލަ 900 އަށް ވުރެ ގިނަ ބައިވެރިންނާއެކު މި ދުވުން ބޭއްވީ މިއަދު ހެނދުނު ހުޅުމާލޭގަ އެވެ.

މި ދުވުމާ ގުޅުވައިގެން ބީއެމްއެލްއިން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސަބިލިޓީސް (އެމްއޭޕީޑީ) އަށް 100،000 ރުފިޔާ ހަދިޔާކޮށްފަ އެވެ. މި ފައިސާ އެމްއޭޕީޑީއާ ހަވާލުކޮށްދެއްވީ ބޭންކުގެ ބޯޑުގެ ޗެއާމަން ޔޫޝައު ސަޢީދު އާއި ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު އެވެ.

އެމްއޭޕީޑީ އިން މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ އެ ޖަމިއްޔާ އިން ހިންގަމުންދާ "ހެލްތީ ޕީޑަބްލިއުޑީސް" ޕްރޮގްރާމް އަށެވެ. މި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފިޒިއޯ ތެރަޕީ ދިނުމާއި ބިހޭވިއާ، ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލްއިން ބޭއްވި ވައު ކިޑްސް ރަން ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ދުވުން ބާއްވައި އެމްއޭޕީޑީއަށް އެއްލައްކަ ރުފިޔާގެ އެހީއެއް ވަނީ ދީފައި. ފޮޓޯ: ބީއެމްއެލް

ބީއެމްއެލް ވައު ކިޑްޒް ރަން އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ޓީއެފްޖީ އާއެކު މި ދުވުން މިއަހަރަ ވުސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި އަޅުގަނޑުމެން ބާއްވާ ހާއްސަ ހަރަކާތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ފަހަރުގެ ދުވުމާ ގުޅުވައިގެން ބޭންކުން އެހީތެރިކަން ފޯރުކޮށްދެވޭ ޕްރޮގްރާމަކީވެސް މުޖުތަމައަށް ވަރަށް ވެސް ބޭނުންތެރި ޕްރޮގްރާމެއް،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

ބީއެމްއެލްއިން ކުޑަކުދިންނަށް ހާއްސަކޮށްގެން ބޭއްވި ވައު ކިޑްސް ރަންގައި ކުދިންތަކެއް ބެލެނިވެރިންނާއެކު ދުވަނީ. މި ދުވުން ބާއްވައި އެމްއޭޕީޑީއަށް އެއްލައްކަ ރުފިޔާގެ އެހީއެއް ވަނީ ދީފައި. ފޮޓޯ: ބީއެމްއެލް

އުމުރު ފުރާތަކާ ގުޅޭގޮތަށް މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 1.3 ކިލޯ މީޓަރާއި 2 ކިލޯމީޓަރާއި 3 ކިލޯ މީޓަރު އަދި 4 ކިލޯ މީޓަރގެ ދިގުމިނަށެވެ. ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފަ އެވެ. ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކު ވެސް ލިބޭ ދުވުމެކެވެ.