އަންހެނުންނާ އެއްވަރަށް ގޭތެރޭގެ މަސައްކަތްތައް ކޮންމެ ދުވަހަކު ކުރާ ފިރިހެނުން އެ ނޫން ފިރިހެނުންނަށް ވުރެ ސިއްހީ ގޮތުން ދުޅަހެޔޮ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

ގުޑްޓައިމްސްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ގޭތެރެ ސާފުކުރުމާއި ތަންމަތި އެޅުމާއި ތަށިތައް ދޮވުމާއި ބަގީޗާ ބެލެހެއްޓުން ފަދަ މަސައްކަތްތައް ކުރާ ފިރިހެނުން ޖިސްމާނީ ގޮތުން ދުޅަހެޔޮވުމުގެ އިތުރަށް ނަފުސާނީ ގޮތުން ވެސް ވަރުގަދަ އެވެ.

ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް މަސައްކަތް ކުރެއްވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ގޭތެރޭގެ މަސައްކަތް ކުރާ ފިރިހެނުންނަށް މައިގަނޑު ތިން ފައިދާއެއް ލިބެ އެވެ. އެއީ ހަށިގަނޑުގެ ދުޅަހެޔޮކަމާއި އިމޯޝަނަލް ކޯޝަންޓް (އީކިއު) މަތިވުމާއި ސިއްހީ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް މަގުފަހިކޮށް ދިނުމެވެ.

ބައެއް ފިރިހެނުންނަކީ އަދާކުރާ ރަސްމީ ވަޒީފާއާ ހެދި ނުވަތަ އެހެން ކޮންމެވެސް ކަމަކާ ހެދި ގޭތެރޭގެ މާ ބޮޑު މަސައްކަތެއް ނޯންނާނެ މީހުންނެވެ. އެކަމަކު އެފަދަ މަސައްކަތުގައި އަނބިމީހާ ނުވަތަ އާއިލާގެ މީހުންނަށް އެހީވުމަކީ އެ މީހުންނާ އޮންނަ ގުޅުން ވެސް ބަދަހިކޮށްދޭ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކޮންމެ ކަމެއް ބުރަ މަސައްކަތެއްގެ ގޮތުގައި ދެކުމަށް ވުރެ އެކަމެއް ކުރުމުން ސިއްހީ ގޮތުން ލިއްބައިދޭ ފައިދާތަކާ ދޭތެރޭ ސީރިއަސްކޮށް ވިސްނާލުން މުހިއްމެވެ.

"އޮފީސް ނިންމާފައި ގޮސް ކާލައިގެން ސޯފާ އަށް ވެއްޓިގަނެގެން އޮވެ، ޓީވީ ބެލުން ފަދަ ކަންކަމަކީ ސިއްހީ ގޮތުން މީހާ ހަލާލުކޮށްލާނެ އަދި ނުރަނގަޅުން ނޫން ކެއުމުގެ އާދަތައް ވެސް އަށަގަންނުވާނެ ކަމެއް. އޭގެ ބަދަލުގައި ގޭތެރޭގައި ވެސް ފިރިހެނުން ހަރަކާތެރިކޮށް އުޅުމުން ލިބޭ ފައިދާތައް ގިނަ." އޮފިޝަލު ވިދާޅުވި އެވެ.

ބައެއް ފިރިހެނުންނަކީ ރަސްމީ ވަޒީފާގައި ބުރަކޮށް އުޅެން ޖެހުމުން ކަސްރަތު ކުރަން އެކަށީގެންވާ ވަރަށް ވަގުތު ނުލިބޭ އަދި ކަސްރަތު ކުރުމަކީ ކޮންމެހެން މާ މުހިއްމު ކަމެއް ކަމަށް ނުދެކޭ މީހުންނެވެ.