ފުވައްމުލަކުގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ސިޓީ ހޮޓަލެއް ހުޅުވައިފި އެވެ.

މި ރަށު ދަޑިމަގު އަވަށު ތުނޑީ ސަރަހައްދުގައި "އެޓަރަކްޒިސް ގްރޭންޑް އެންޑް ސްޕާ"ގެ ނަމުގައި ހެދި މަތީ ފެންވަރުގެ ސިޓީ ހޮޓާ އާއްމުކޮށް ހުޅުވާލީ ޓޫރިސްޓް ސީޒަމާ ދިމާކޮށް މިމަހު އެވެ.

އެ ހޮޓަލުގެ ޑިރެކްޓަރު އޮފް އޮޕަރޭޝަން ފާރިއު އަބްދުﷲ މިއަދު ވިދާޅުވީ ހޮޓާ ހުޅުވުމާއެކު ގިނަ އަދަދެއްގެ ބުކިން ލިބެން ފަށާފައިވާ ކަމަށެވެ. އަދި ޖެނުއަރީ 5 އާ ހަމަޔަށް 35 ޕަސެންޓް ޑިސްކައުންޓް ވެސް ދޭން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިތަނުން ޓޫރިސްޓުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް 24 ގަޑިއިރު ލިބެން ހުންނާނެ. އަޅުގަނޑުމެން ބޭނުން ވަނީ ހިތްގައިމު ފުވައްމުލަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ޓޫރިސްޓުން ފެންވަރުގެ ރަނގަޅު ހިދުމަތެއް ދިނުން،" ފާރިއު ވިދާޅުވި އެވެ.

ފުވައްމުލަކުގައި އަލަށް ހުޅުވި ލަގްޒަރީ ޓޫރިސްޓު ހޮޓެލް. މިތަނުގައި ތިން ކެޓަގަރިއެއްގެ 15 ކޮޓަރި ހުރޭ.

ޓޫރިޒަމްގެ ވިޔަފާރި ފުޅާވަމުން އަންނަ މިރަށުގައި ގާތްގަނޑަކަށް 3،000 އަކަފޫޓުގެ ބޮޑު ބިމެއްގައި ހަތަރު ބުރިއަށް އިމާރާތްކޮށްފައިވާ 15 ކޮޓަރީގެ ހޮޓަލުގައި ރެސްޓޯރަންޓަކާއި ސްޕާއެއް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ރޫފް ޓޮޕްގައި އައުޓްޑޯ ޝަވަރާއެކު ޖަކޫޒީ ވެސް ބަހައްޓާފައިވެ އެވެ.

ފުވައްމުލަކުގެ އެންމެ ހިތްގައިމު އެއް ސަރަހައްދުގައި އިމާރާތްކޮށްފައިވާ މި ހޮޓަލުގައި ތަފާތު ތިން ކެޓަގަރީގެ ކޮޓަރިތައް ހުރެ އެވެ. އާއިލާއެކު ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ފެމިލީ ދެ ސުއިޓަކާއި އިރުއަރާ މަންޒަރު ކޮޓަރީގައި ތިބެ ބަލާލަން ބޭނުންވާ ފަރާތްތަކަށް ޓްރޮޕިކަލް ސަންރައިޒް ރޫމްތަކެއް ވެސް ލިބެން އެތަނުގައި ހުރެ އެވެ. މީގެ އިތުރުން ޓްރޮޕިކަލް ސަންސެޓްގެ ކޮޓަރިން ފުވައްމުލަކަށް އިރުއޮއްސޭ ހިތްގައިމު މަންޒަރު ވެސް ފެންނާނެ އެވެ.

ފުވައްމުލަކުގައި އަލަށް ހުޅުވި "އަޓަރަކްސިސް"ގެ ނަމުގައި ހުޅުވި ހޮޓެލްގެ ކޮޓަރިއެއް. މި ހޮޓަލުގައި ތަފާތު ތިން ކެޓަގަރީގެ ކޮޓަރިތައް ހުރޭ.

ހިތްގައިމު ރީތި އިންޓީރިއާ ޑިޒައިނާއެކު ހަދާފައިވާ ހުރިހާ ކޮޓަރިތަކުން ކޮފީ އާއި ލުއި ކާނާ ވެސް ލިބެން ހުރެ އެވެ.

މި ހޮޓަލުގެ "ދި ސްޕޮޓް ބައި އެޓަރަކްޒިސް" ރެސްޓޯރެންޓުން ދިވެހި ކެއުންތަކުގެ އިތުރުން ހުޅަނގުގެ ތަފާތު މީރު ކެއުންތައް ވެސް ލިބެން ހުންނާނެ އެވެ. އޭގެ އިތުރުން ހެނދުނު ބުފޭ ބްރެކްފާސްޓާއި މެންދުރު ކެއުމާއި ރޭގަނޑުގެ ކެއުންތައް ރޫފް ޓޮޕް ޑެކްގައި ވެސް އިންތިޒާމްކޮށްދެ އެވެ.

https://www.instagram.com/p/CXf9DLMp781/

ލިފްޓް ވެސް ހުންނަ މި ހޮޓަލުގެ އެންމެ ހިތްގައިމު އެއް ތަނަކީ ރޫފް ޓޮޕް ޑެކް އެވެ. އެތަނުގައި ސަން ބާތުކުރަން ބޭނުން މީހުންނަށް ސަން ބެޑާއި ޔޯގާ ކަސްރަތާއި ސްޕާއަކުން ލިބޭ ހިދުމަތްތަކުގެ އިތުރުން އެކި ކަހަލަ ކެއުންތައް ވެސް އެތަނުން ލިބޭނެ އެވެ. މީގެ އިތުރުން މަސާޖާއި ކަސްރަތު ކުރަން ބޭނުންވާ ފަރާތްތަކަށް ޖިމްގެ ހިދުމަތް ވެސް އެ ހޮޓަލުން ލިބެން ހުރެ އެވެ.

ފާރިއު ވިދާޅުވީ އާ އަހަރާ ދިމާކޮށް ހޮޓަލުގެ ރެސްޓޯރަންޓް ވެސް އާއްމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

"މިތަނުގެ ކުރިމަތީގައި އޮތް ބިމެއްގައި އެޑްވެންޗާ ޕާކެއް ހެދުމުގެ ވިސްނުމެއް އެބައޮތް. އެތަން ވެސް ވަރަށް އަވަހަށް ހުޅުވޭތޯ މަސައްކަތް އެބަކުރަން،" ފާރިއު ވިދާޅުވި އެވެ.

ފުވައްމުލަކުގައި އަލަށް ހުޅުވި "އަޓަރަކްސިސް"ގެ ނަމުގައި ހުޅުވި ހޮޓެލްގެ ކޮޓަރިއެއް. މި ހޮޓަލުގައި ތަފާތު ތިން ކެޓަގަރީގެ ކޮޓަރިތައް ހުރޭ.

މިޔަރުގެ ވައްތަރެއް ކަމަށްވާ "ފެމުނު" ގިނަ އަދަދަކަށް ކަނޑު އަޑިން ފެންނަ ރަށެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ފުވައްމުލަކުގައި މިހާރު ވެސް ގެސްޓްހައުސްތައް ހުރެ އެވެ. އަދި މިޔަރު ބަލާލަން ޑައިވްކުރަން ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ޓޫރިސްޓުން މި ރަށަށް ޒިޔާރަތްކުރެ އެވެ.