ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި "ވެށިފަހި" ޕްރޮގްރާމެއްގެ ވާހަކަ އަޑަށް ބާރުލާފައި އެ މަނިކުފާނު ވަރަށް ގިނައިން ދެއްކެވި އެވެ. 2010 ވަނަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު ފެށި އެ ޕްރޮގްރާމްގެ ބޭނުމަކީ ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހިންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމެވެ.

ސަރުކާރުން އޭރު އިއުލާންކުރި މި ޕްރޮގްރާމުގެ ސްކޯޕް ވަރަށް ބޮޑެވެ. މާލެ ސަރަހައްދުން ގޯތި ދިނުމާއި އެތައް ހާސް ބަޔަކަށް ފްލެޓް ދިނުމާއި މާލޭގެ ކުޑަ ބިންކޮޅުތައް ހުސްކޮށް އެތަންތަން ހުސް ޖާގައިގެ ގޮތުގައި ބޭއްވުން ހިމެނެ އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ފެށި އެ ޕްރޮގްރާމްގައި އެންމެ ފުރަތަމަ ވެސް ދިމާކޮށްލީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް އިންވެސްޓްކޮށްގެން ހިއްކައިގެން ތަރައްގީކުރަމުންދިޔަ ހުޅުމާލެ ފޮތިފޮތިކޮށް މަދު ބަޔަކަށް ބަހާލާށެވެ.

އެގޮތުން ހުޅުމާލެއިން ގޯތިތައް ދިނީ ގޯތި ލިބޭ މީހުން މާލޭގެ ބިންކޮޅު ދޫކޮށްލަން ޝަރުތުކޮށްފަ އެވެ. އެތަނުން ދޫކުރި 1،200 އަކަފޫޓްގެ 250 ގޯއްޗެއް ދިނީ އަކަފޫޓެއް 1،200ރ. ގެ ރޭޓުންނެވެ. އަދި އެ ފައިސާ 20 އަހަރު ދުވަހަށް ބަހާލައިގެން ދައްކާއިރު މާލެއިން ދޫކޮށްލާ ބިންކޮޅު އެ ގޯތީގެ އަގުން އުނިކޮށްދިނެވެ. ނަމަވެސް ގޯތި ލިބުނު އެ ފައިސާއެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ނުދައްކަ އެވެ. އެ ބިމުގެ އަގު ވެސް މައާފުކުރުމުން އެއިން އެންމެ ބައިރުފިޔާއެއް ވެސް އެޗްޑީސީއަށް ނުލިބެ އެވެ.

ވެށިފަހި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެންމެ އަގު ބޮޑު ބިމުން ހިލޭ ގޯތި ދިނީ ވެސް ދެފުށް ފެންނަ އުސޫލަކުން ނޫނެވެ. ފޯމް ހުށަހެޅި މީހުންގެ ތެރެއިން ގޯތިތައް ދިނީ ވެސް ކޮން އުސޫލަކުން ކަމެއް އެނގޭނެ ގޮތެއް ނެތެވެ. އެތަނުން ގޯތި ލިބުނު މީހުންގެ ތެރޭގައި މާލޭގެ ބޮޑެތި ބިންތައް ހުރި ވިޔަފާރިވެރިންނަށް ވެސް ހިމެނެ އެވެ. އެހެންވުމުން އެކަން ކުރީ ވެސް ހަމައެކަނި މާލޭގެ ގެދޮރު ނެތް މީހުންނަށޭ ބުނެވޭކަށް ނެތެވެ.

ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން މީހުންނަށް ދިނުމުގެ ނަމުގައި ހުޅުމާލޭގެ ބިންތައް އޭރުގެ ސަރުކާރުން ދޭން ބޭނުންވި މީހުންނަށް ބަހާލީ އެވެ. ހަގީގަތަކީ މިއީ އެވެ. އޭރު ބިން ލިބުނު ބައެއް މީހުންނަށް އަދިވެސް ގެއެއް އެޅޭނެ ގޮތެއް ނެތުމުން ބިންތައް ހުހަށް ވެސް އެބައޮތެވެ. އެ މީހުންގެ ވެސް ވިސްނުމަކީ އެ ބިމުގައި ބުރިބުރިއަށް އިމާރާތްކޮށްގެން ކުއްޔަށްދީގެން ވިޔަފާރިކުރުމެވެ. މިހެން ހެދުމުން ވެށިފަހި ޕްރޮގްރާމްގެ ނަތީޖާ ހާސިލްވީ ހެއްޔެވެ؟ ނޫނެކެވެ. މާލޭގެ މަދު ބަޔަކު މުއްސަނދިކޮށްދިނީ އެވެ.

އޭގެ އިތުރުން އެ މަނިކުފާނުގެ ވެރިކަމުގައި ވެސް ހުޅުމާލެއިން މުއްސަނދިންނަށް ބިން ވިއްކި އެވެ. އޭރު ވެސް ބިން ގަތީ އެ މަނިކުފާނުގެ ޕާޓީގެ މަޖިލިސް މެމްބަރުންނާއި މާލޭގެ ވިޔަފާރިވެރިންނެވެ. އޭރު ބިން ވިއްކައިގެން ހުޅުމާލެއަށް ކުރި އިންވެސްޓެއް ފެންނާކަށް ނެތެވެ. ބަޖެޓަށް ފައިސާގެ ދަތިކަން އޭރު ކުރިމަތިވުމުން އެކަން ފޫބެއްދުމުގެ ގޮތުން ބިންކޮޅެއް ވިއްކާލީ އެވެ.

ގޯތިތައް ހެދީ ވިޔަފާރިވެރިން

ހުޅުމާލެއިން އޭރު ގޯތި ލިބުނު ގިނަ މީހުންނަށް އަމިއްލަ ގެ އެޅޭނެ މާލީ ތަނަވަސްކަމެއް ނެތުމުން އެ ގޯތިތައް ހަދަން ދިނީ މާލޭގައި ރިއަލް އެސްޓޭޓް ވިޔަފާރިކުރާ ކުންފުނިތަކާ އެވެ. ހަގީގަތުގައި އެތަނުން ބިން ލިބުނު މީހުން އަނެއްކާ ވެސް މިޖެހެނީ 30 އަހަރަށް ނުވަތަ އެއަށް ވުރެ ގިނަ ދިގު މުއްދަތަކަށް ބަޔަކަށް ފްލޯތަކެއް ދީގެން އެތަންތަން އިމާރާތް ކުރާށެވެ. އަދި އެ ގޯތި ހެދުމަށްފަހު އެއިން ބޮޑު ވިޔަފާރިއެއް ކުރާއިރު އެ ބިމުގެ ވެރި ފަރާތަށް ލިބޭ މާބޮޑު ފައިދާއެއް ނެތެވެ. އެތަނުގައި އެންމެ އުސްކޮށް އިމާރާތްކުރަން އޭރު ހުއްދަ ދިނީ ހަތަރު ބުރި އަށެވެ. އަދި ފަހުން ހަ ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދިނުމުން ބައެއް ގޯތިތަކުގެ ވެރިންނަށް ދެ ފްލޯ ލިބުނެވެ. ނަމަވެސް ދަރިންތައް ބޮޑެތި އަމިއްލަ އާއިލާއެއް ފަށަން ޖެހުމުން އެވަރުން ވެސް ނުފުދެ އެވެ. އެހެންކަމުން އަނެއްކާ ވެސް މިޖެހެނީ މާލޭ މީހަކަށް ވީތީ ހިލޭ ބިމެއް ދޭށެވެ. ނުވަތަ ފްލެޓެއް ދޭށެވެ. މިއީ ކޮންފަދަ ބޭއިންސާފު އުސޫލެއް ހެއްޔެވެ؟

ރައީސް ނަޝީދުގެ ވެރިކަމުގައި "ވެށިފަހި" ޕްރޮގްރާމް ހިންގެވުމަށް ހަވާލުކުރެއްވި ސަރަނގު އާދަމް މަނިކާ ސަލާމްކުރައްވަނީ. ފޮޓޯ: ރައީސް ނަޝީދު

ހުޅުމާލެއަކީ ވަކި ރަށެއްގެ މިލްކެކޭ ބުނެވޭކަށް ނެތެވެ. އެއީ މާލޭގެ ރައްޔިތުން ވެސް ހިމެނޭ ގޮތަށް މުޅި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކުން ތަރައްގީކުރާ ރަށެކެވެ. އެއީ އެއްގޮތަކަށް ވެސް ބަންޑާރަ ބިމެއްގެ ގޮތުގައި ބެލޭނެ ތަނެއް ނޫނެވެ. އަދި އޭރަކު އޮންނަ ސަރުކާރަކުން ބޭނުންހާ ގޮތެއް ހަދަން އޮތް ބިމެއް ވެސް ނޫނެވެ.

ހުޅުމާލޭގެ ބިމުގެ މިލްކުވެރިންނަށް މުޅި ދިވެހި ރައްޔިތުންނެވެ. އެހެންކަމުން ހުޅުމާލޭގައި ބިން މާލޭގެ ރައްޔިތުންނެކޭ އެއްގޮތަށް އަތޮޅު ތެރޭގެ ރައްޔިތުންނަށް ވެސް ހަމަހަމަ އުސޫލަކުން ލިބެން ޖެހެ އެވެ. ހަގީގަތުގައި ހުޅުމާލެއިން ކޮންމެ މީހަކަށް ކަޑަ ޖަހާފައި ގޯތި ދިނުމުގެ ބަދަލުގައި ޝަރުތު ހަމަވާ ކޮންމެ މީހަކަށް ދޭންވީ ފްލެޓެވެ. މިއީ މި ސަރަހައްދުގައި ކުރިއަރާފައިވާ ގައުމުތަކުން ވެސް އަމަލުކުރަމުން އަންނަ އުސޫލެވެ.

ސިންގަޕޫރު މެލޭޝިއާ ފަދަ ގައުމުތަކުގައި ވެސް ބިން ވިއްކަނީ މުއްސަނދިންނަށެވެ. އަދި ބިން ވިއްކައިގެން ލިބޭ ފައިސާ އިންވެސްޓްކުރަނީ ބިން ގަނެގެން ގެދޮރު އިމާރާތްކުރުމުގެ ފެންވަރު ނެތް އާދައިގެ މީހުންނަށް ސޯޝަލް ހައުސިން އިމާރާތްކުރާށެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ ވަޒީރުންނާއެކު ކެބިނެޓް ބައްދަލުވުމެއްގައި. ފޮޓޯ: ރައީސް އޮފީސް

ރައީސް ނަޝީދުގެ ވެރިކަމުގައި ހުޅުމާލެއިން 250 ގޯތި މާލޭ މީހުންނަށް ހިލޭ ބަހާލިއިރު، އެއީ ހަތަރު ބުރިއަށް ފްލެޓް އެޅި ނަމަ 12،000 މީހުންގެ ބޯހިޔާވަހިކަމެވެ. އޭގެ ބަދަލުގައި 250 މީހަކަށް އެ ބިންތައް ދިނުމުން އޭގެ ހަގީގީ ފައިދާ ބިން ލިބުނު މީހަކަށް ވެސް ނުލިބެ އެވެ. ހުރިހާ ފައިދާ ލިބުނީ ގެދޮރު ވިޔަފާރިކޮށްގެން އުޅޭ މަދު ވިޔަފާރިވެރިންތަކަކަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ވިއްކަން އެޗްޑީސީން އިއްޔެ އަލުން ހުޅުވާލުމުން ވެސް އެންމެ ފުރަތަމަ ފުންމައިގެން ތެދުވީ ރައީސް ނަޝީދެވެ. އެޗްޑީސީން އެކަން ކުރައްވާ ގޮތް އެ މަނިކުފާނަށް އެއްގޮތަކަށް ވެސް ކަމަނުދިޔަ އެވެ. މިފަހަރު ވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގެ ރާގު ހުރީ ވެށިފަހި ޕްރޮގްރާމްގެ ދަށުން މާލޭގެ ހައެއްކަ މީހަކަށް ބިން ބަހާލި ގޮތަށެވެ. އޭރު ބިން ބަހާލި އުސޫލުން އެޗްޑީސީން ހުޅުމާލޭގެ ބިން ބަހައިފި ނަމަ އެއީ ދިވެހި ހުރިހާ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެކެވެ.

މާލޭގެ ހައެއްކަ މީހެއްގެ ޖީބު މުއްސަނދި ކޮށްދޭން ހުޅުމާލޭގެ ބިން ބަހާކަށް ނުޖެހެ އެވެ. މާލޭގެ ގެދޮރު ނެތް ނިކަމެތިންގެ ބޮލުގައި އަޅުވައި ހުޅުމާލޭގެ އަގުބޮޑު ކުރިން ވެސް ބެހުމުން ވާގޮތް އެހެރީ ފެންނާށެވެ.