މިއަހަރު ރާއްޖެއަށް ފުރަތަމަ ޒިޔާރަތް ކުރި ފަތުރުވެރިޔާއަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މިއަހަރު ރާއްޖެ އަށް އައި ފުރަތަމަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތު ރައްޔިތެއް ކަމަށްވާ ޖޯޖީނަ ކެނިން އެވެ. އޭނާ ރާއްޖެ އައީ އޭނާގެ ފިރިމީހާ ސްޓީވްއާ އެކުގަ އެވެ. އޭނާ ރާއްޖެއަށް އައިސްފައި ވަނީ ގަލްފް އެއާއިންނެވެ.

ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާކިޔުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ، އެމްއޭސީލްއެލްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ހާއްސަ ހަރަކާތެއް ބާއްވަ އެވެ. މިއަހަރު ވެސް ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވަނީ ހާއްސަ ހަރަކާތްތަކެއް ބާއްވާފަ އެވެ.

މި ފަތުރުވެރިޔާއަށް ބަނޑޮސް އައިލެންޑު ރިސޯޓުންނާއި ވާދޫ އައިލެންޑް ރިސޯޓުން ވަނީ ޖޯޖީނާއަށް ހިލޭ ޗުއްޓީއެއް ދީފަ އެވެ. އަދި މިދިޔަ އަހަރު ތައާރަފްކުރި ބޯޑާ މައިލްސްގެ "ސިލްވާ ޕެކޭޖެ" ގެ މެމްބަރުކަމުގެ ލިޔުން އިމިގްރޭޝަނުން ވަނީ އޭނާއަށް އަރުވައިފަ އެވެ.

ޖޯޖީނާގެ ފިރިމީހާ ސްޓީވް ބުނީ އެ ދެ މީހުން އެންމެ ފުރަތަމަ ރާއްޖެ އައީ މިދިޔަ އަހަރު ކަމަށެވެ. އަދި ދަތުރު ނިންމާލާފައި އެނބުރި ގައުމަށް ދިޔައިރު ވެސް ދެން ރާއްޖެ އާދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން އެ މީހުންގެ ރަހުމަތްތެރިންނާއި އާއިލާގެ މީހުންނަށް ރާއްޖެ އައުމަށް ލަފާދޭ ކަމަށް ވެސް ބުންޏެވެ.

ރާއްޖެއަކީ ރީތި ގައުމެއްކަން ފާހަގަކޮށް، އޭނާ ބުނީ ރާއްޖެއިން ލިބޭ މެހެމާންދާރީއަކީ ރާއްޖެ އިތުރަށް ފުރިހަމަވެގެންދާ ކަމެއް ކަމަށެވެ.