ތެލް އަވީވް (31 ޑިސެމްބަރު) - އިޒްރޭލުން 3.1 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރުތަކެއް ގަތުމަށް އެމެރިކާއާއެކު އެއްބަސްވުމަކަށް އައިސްފި ކަމަށް އިޒުރޭލުގެ މިނިސްޓްރީ އޮފް ޑިފެންސް ފޯސްއިން ހުކުރު ދުވަހު ބުނެފި އެވެ.
މި އެއްބަސްވުމުގެ ދަށުން ލޮކްހެޑް މާޓިން ކޯޕް ސީއެޗް 53-ކޭ މޮޑެލްގެ 12 ހެލިކޮޕްޓަރާއި ދެ ބޮއެންގް ކޯ ކޭސީ-46 ރީފިއުލިން ޕްލޭން ގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނެފައިވެ އެވެ.
ޑިފެންސް މިނިސްޓްރީއިން ނެެރުނު ބަޔާނެއްގައި އިތުރަށް ބުނެފައި ވަނީ މި ގަނެވޭ ހެލިކޮޕްޓަރުތަކަކީ އިޒުރޭލުގެ ވައިގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެއް ކަމަށެވެ.
އިޒްރޭލުގެ ވައިގެ އަސްކަރިއްޔާގެ ޗީފް އޮފް މެޓީރިއަލް ފޯ އެއާ ފޯސް، ބްރިގޭޑިއާ ޖެނެރަލް ޝިމޯން ސެންޓްސިޕާ އާމީ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ގެނެވޭ ފުރަތަމަ ހެލިކޮޕްޓަރު އިޒްރޭލަށް ގެނެވޭނީ 2026 ވަނަ އަހަރު ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޭސީ 46 ހެލިކޮޕްޓަރުތައް ގެނައުން އަވަސް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ތާވަލް ކުރެވިފައިވާ ގޮތުން 2025ގެ ކުރިން އެ އުޅަނދުތައް ނުގެނެވޭނެ ކަމަށެވެ.
އަސްކަރިއްޔާގެ މި ފިޔަވަޅަކީ އީރާނުގެ ނިއުކްލިއާ ވަސީލަތްތަކަށް ހަމަލާއެއް ދޭން ތައްޔާރު ވުމަށް އެޅި ފިޔަވަޅެއް ކަމަށް އިޒްރޭލުގެ މީޑިއާތަކުން ބުނަމުން ދާއިރު އަސްކަރިއްޔާގެ ބަހެއް މިކަމާ ގުޅޭ ގޮތުން ލިބިފައެއް ނުވެ އެވެ.
ސެންޓްސިޕާ ވިދާޅުވި ގޮތުގައި އަސްކަރިއްޔާގައި މިހާރު ހުރި ތަކެތިން އެގައުމުގެ އަސްކަރީ މިޝަންތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދުމުގެ ގާބިލުކަން އަސްކަރިއްޔާގައި ހުންނާނެ އެވެ. -- އަލް އަރަބިއްޔާ