ދ. ކަނޑިންމަ ރިސޯޓުން އިތުރު 27 މީހަކު ކޮވިޑަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

މިއާއެކު އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 46 އަށް އިތުރުވެފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް އެ ރިސޯޓުން 176 ސާމްޕަލް ނަގާފައިވާ ކަމަށެވެ.

މިއީ މިހާތަނަށް އެއް ރިސޯޓަކުން މިހާ ގިނަ ކޭސް ފެނުނު ފުރަތަމަ ފަހަރެވެ. އެ ރިސޯޓުގައި ކޮވިޑް ފެތުރިފައިވާކަން އެނގުނީ އުމުރުން 60 އަހަރުގެ ދިވެހި މުވައްޒަފަކު ބަލިވެގެން، ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްކުރި ފަހުންނެވެ. އެ ބަލީގައި އޭނާ މަރުވުމުން އެޗްޕީއޭ އިން ވަނީ އެ ރިސޯޓަށް ދ. އަތޮޅު ހޮސްޕިޓަލްގެ ޚާއްސަ ޓީމެއް ފޮނުވައި ގިނަ ބަޔަކު ޓެސްޓް ކުރަން ފަށާފަ އެވެ.

އެޗުއީއޯސީގެ އޮފިޝަލް ވިދާޅުވީ އެ ރިސޯޓުގައި ތިބި ޓޫރިސްޓުންގެ ތެރެއިން ފުރަން ބޭނުންވާ މީހުންނަށް ގައުމަށް ދެވޭނީ ކޮވިޑް ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައި ނުވާ ނަމަ، ޕީސީއާރު ޓެސްޓު ނެގެޓިވް ވުމުން ކަމަށެވެ.