ސިކުނޑީގެ ސިއްހަތު ރަނގަޅުކޮށް ސިކުނޑީގެ ތަފާތު މައްސަލަތަކުން ދުރުހެލިވުމަށްޓަކައި ކޮންމެ ދުވަހަކު ވެސް އާދައިގެ ބާރު މިނެއްގައި ނަމަވެސް ހިނގަން އާދަކުރުމަށް ސައިންސްވެރިން އިރުޝާދު ދީފި އެވެ.
މިކަމާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާއަކަށް ފަހު ސައިންސްވެރިން ބުނީ އާންމުކޮށް ހިނގަން ފެށުމުން ސިކުނޑީގެ މަސައްކަތް ރަނގަޅުވާ ކަމަށެވެ. އަދި މިއީ ސިކުނޑިއާ ގުޅިފައިވާ ލޭ ހޮޅިތައް ބަލިކަށިވުމުން ދުރުކޮށްދޭ ކަމެއްގެ ގޮތުގައި ސައިންސްވެރިން ފާހަގަކުރި އެވެ.
ކެނެޑާގެ ސައިންސްވެރިން ކޮށްފައިވާ މި ދިރާސާއިން ހާމަވި ގޮތުގައި ހަ މަސް ދުވަސް ވަންދެން ހަފުތާ އަކު ތިން ގަޑިއިރު ހިނގުމުން ވެސް އެކަށީގެންވާ ރަނގަޅު ބަދަލުތަކެއް ސިކުނޑިއަށް އާދެ އެވެ. އަދި ހަނދާން ނެތޭ ބައްޔާއި އެނޫން ވެސް ސިކުނޑީގެ ތަފާތު މައްސަލަތަކުން ދުރުވެވެ އެވެ.
ބްރިޓިޝް ޖާނަލް އޮފް ސްޕޯޓްސް މެޑިސިންގައި ޝާއިއުކޮށްފައިވާ މި ދިރާސާ ބުނާ ގޮތުން ހިނގުމުން ސިކުނޑީގެ މަސައްކަތް ހަލުވިވެ އެވެ. އެރޮބިކްސް ކަސްރަތުން، ހިތާ ގުޅިފައިވާ ނާރުތަކުގެ މަސައްކަތް ރަނގަޅަށް ކުރަން ފަށައި ހިތުގެ ސިއްހަތު ރަނގަޅުވާ ގޮތަށެވެ.
ކޮންމެ ދުވަހަކު ވެސް ހިނގަން އާދަކުރުމަކީ ހަކުރުބައްޔާއި ލޭ މައްޗަށް ދިއުން އަދި ކޮލެސްޓްރޯލް މަތިވުން ފަދަ ކަންކަމަށް ވަރަށް އެކަށީގެންވޭ ފައިދާއެއް ކުރާ ކަމެއް ކަމަށާއި މިއީ ސިކުނޑިއަށް ޖެހޭ ތަފާތު ބަލިތައް ޖެހުމުގެ އަސްލުކަން ވެސް ސައިންސްވެރިން ފާހަގަކޮށްފައިވެ އެވެ.