ފޮނިތޮށްޓަކީ ކެއްކުމުގައާއި ދިވެހި ބޭހުގައި އަހަރެމެން އާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ. އާއްމުކޮށް ބަލިތަކުގެ ފަރުވާއެއްގެ ގޮތުގައި ފޮނިތޮށި ބޭނުންކުރުން ޑޮކްޓަރުން ލަފާ ނުދެއްވިޔަސް އެއިން ސިއްހަތަށް ލިބޭ ސިއްރު ފައިދާތަކެއްވާކަން ދިރާސާތަކުން ދައްކާފައިވެ އެވެ.

ލޭގެ ހަކުރު ކޮންޓްރޯލް ކޮށްދޭ

ހަކުރުބަލި ޖެހިފައިވާ އިންސާނުންނާއި ޖަނަވާރުންގެ މެދުގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި ފޮނިތޮށި ބޭނުންކުރުމަކީ ލޭގައި ހަކުރު ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. މިކަން މެދުވެރިވާ ސަބަބެއް ހޯދިފައި ނުވިނަމަވެސް ސައިންސްވެރިން އަންނަނީ އިތުރު ދިރާސާތައް ކުރަމުންނެވެ.

ހަންގަނޑު ރީތިކޮށްދޭ

ފޮނިތޮށި ބޭނުންކޮށްގެން ހަދާ ފޭސް މާސްކްތަކަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. މިފަދަ މާސްކުތަކުން މޫނުގައިވާ ބިހިތައް ކުޑަކޮށްދީ ހަންގަނޑަށް އިތުރު ތާޒާކަމެއް ލިއްބައިދޭ ކަމަށް ބުނެވެ އެވެ. އޭގެ އިތުރުން ފޮނިތޮށްޓަކީ އޮށާޅަ ނެގުމަށް މަގުފަހި ކުރުވާ ބެކްޓީރިއާއެއް ނައްތާލަދޭ އެއްޗެއް ވެސްމެ އެވެ.

ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދޭ

ތިންމަސް ވަންދެން ކޮންމެ ދުވަހަކު ފޮނިތޮށި ކެއުމަކީ ލޭގެ ޕްރެޝަރު ދަށްވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކަ އެވެ. ނަމަވެސް މި ދިރާސާ ހެދިފައި ވަނީ ހަކުރުބަލި ވެސް ހުންނަ މީހުންގެ މެދުގައި ކަމަށްވުމުން ހަކުރު ބަލި ނުހުންނަ ނަމަ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދޭތޯ ބެލުމަށް އިތުރު ދިރާސާތައް ހަދަން ޖެހެ އެވެ.