މޭވާ އަކީ ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ލިބޭ އެއްޗެކެވެ. މޭވާގެ ސަބަބުން އަހަރެމެންގެ ހަށިގަނޑަށް ބޭނުންވާ އެތަކެއް ވިޓަމިންނާއި މިނަރަލް ލިބެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މޭވާ ގިނައިން ބޭނުން ކުރަން ޖެހެ އެވެ.
އެހެން ނަމަވެސް މޭވާ ކާވީ ރަނގަޅު އޮތެއް ނޭނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ނުވަދިހަ އިންސައްތަ މީހުންނަށް މޭވާ ކާންވާ އެންމެ ރަގަޅު ގޮތެއް ނޭނގެ އެވެ. މީގެ ސަބަބުން ލިބެންވާ ވަރަށް ވުރެ މަދުން ނިއުޓުރިޝަން ލިބުމުގެ އިތުރުން އުނދަގޫތަކާ ވެސް ކުރިމަތި ލާން ޖެހެ އެވެ. މީގެ ތެރޭގައި ހަޖަމްކުރުމުގެ ނިޒާމަށް ކުރިމަތިވާ މައްސަލަތަކާއި ހަމުގެ މައްސަލަތަކާއި ބޮލުގައި ނުރަޖެހުމާއި ބޮލުން އިސްތަށި ފޭބުން ހިމެނެ އެވެ.
ހަށިގަނޑު ކޮންމެ ގޮތަކަށް ހުރި ކަމުގައި ވިޔަސް ކޮންމެ ދުވަހެއްގެ ޑައިޓްގައި ވެސް ހަށިގަނޑަށް ބޭނުންވާ މޭވާ ހިމަނަން ޖެހެ އެވެ.
ކެއުމަށް ފަހު ފޮނިކާ އެއްޗެއް ގޮތުގައި މޭވާ ބޭނުންކުރުމަކީ ވަރަށް ގިނަ ފަހަރަށް ހެދޭ ގޯހެކެވެ. މޭވާއަކީ އަވަހަށް ހަޖަމްވާ އެއްޗަކަށްވުމުން ކެއުމަށްފަހު ބޭނުންކުރުމުން އަވަހަށް ފާހަނާއަށް ދާން ޖެހެ އެވެ. އޭގެ ސަބަބުން ލިބެންވާ ފައިދާ ނުލިބި ދެ އެވެ.
މޭވާ ކޮށުމަށްފަހު ފުރިޖަށްލުމާއި ގިނައިރު ވަންދެން ބެހެއްޓުމަށްފަހު ކެއުމުގެ ސަބަބުން ގޭހުގެ ކަންތައް ވެސް ކުރިމަތިވެ އެވެ. މޭވާ ކޮށާތާ 20 މިނެޓް ތެރޭގައި ކާންވާނެ އެވެ. ނޫނީ ހަމުގެ މައްސަލަތަކާއި ބޮލުން އިސްތަށި ފޭބުން ފަދަ މައްސަލަތައް ދިމާވެ އެވެ.
ގިނަ މީހުން ގަބޫލް ކުރާ ގޮތުގައި މޭވާއަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެއްކަމުން ކޮންމެ ގަޑިއެއްގައި ވެސް ކެވިދާނެ އެވެ. ނަމަވެސް މީ ހަގީގަތެއް ނޫނެވެ. ރޭގަނޑު މޭވާ ކެއުމަކީ ބަރުދަން އިތުރުވާ ކަމެކެވެ. މީގެ އިތުރުން ރޭގަނޑު ލަސްވާފަހުން މޭވާ ކެއުމުގެ ސަބަބުން ގޭސް އަރައި ނިދުމަށް ވެސް ބަދަލުތަކެއް އާދެ އެވެ. އިރުއޮއްސި ހައެއްގެ ފަހުން މޭވާ ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.