ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ކޮމަންޑޫ ރައްޔިތުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގިނަ ވައުދުތަކެއްވެ ވަޑައިގެންފި އެވެ.

ކޮމަންޑޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން ރައީސް ވިދާޅުވީ ކޮމަންޑޫގައި ހިއްކާފައިވާ ކުޑަ ބިންކޮޅުން ގޯތި ދޫކުރާނެ ކަމަށެވެ.

ގާނޫނީ ގޮތުން އެކަން ކުރެވޭނީ ކޮމަންޑޫ ކައުންސިލުން އެރަށުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުން ކަމަށާއި އެމަސައްކަތް ނިމުނުހާ އަވަހަށް ކޮމަންޑޫން ގޯތި ދޫކުރާނެ ކަމަށެވެ. އަތޮޅު ތެރޭގެ ރަށްތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއުގެ ބައެއް ކޮމަންޑޫގައި ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ހާމަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު އަންނާނީ އެރަށާ މަތި ކޮމަންޑޫ ގުޅާލައިގެން ކަމަށެވެ. އެހެންކަމުން އަންނަ ހަފްތާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށާއި "ފުލް ސްޕީޑްގައި" މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް އިއުލާން ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ދެ ކޮމަންޑޫ ގުޅާލުމުގެ ޕްލޭން ވެސް އޮތީ ހަދާ ނިމިފައި ކަމަށެވެ.

ކޮމަންޑޫ ބަނދަރުގެ ބޭރުތޮށީގައި ކުދި ޑިންގީ އެޅޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ރަށުގެ ރައްޔިތުން އެދޭތީ މިއަހަރު އެ މަސައްކަތް ފަށާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ކޮމަންޑޫ ކައިރީގައި އޮތް ރަށްފަތި ކިޔާ ރަށެއްގައި ޓޫރިޒަމް ފެށުމުގެ މަސައްކަތް ކެމްޕޭނާ ގުޅުވިޔަސް ފަށާނެ ކަމުގައި ވިދާޅުވި އެެވެ.

"އަޅުގަނޑުމެން މިކަން ފަށާތީ ވާދަވެރި ފަރާތްތަކުން ވިދާޅުވެދާނެ ކެމްޕެއިނަށް ނުފޫޒު ފޯރުވަނީއޭ. ނަމަވެސް އަޅުގަނޑު ދަންނަވާލަން އޮތީ، ނުފޫޒޭ ވިދާޅުވިޔަސް، މިރަށާއި، މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އިރާދަ ކުރެއްވިއްޔާ ހަފްތާއެއްގެ ތެރޭގައި ފަށާނަމޭ. އެކަން ތިިޔަބޭފުޅުންނަށް ފެނިގެންދާނެއޭ." ރައީސް ސާލިހު

ކޮމަންޑޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކުރެވިގެން ކުރިއަށްދާ ކަމަށާއި އަދި ކޮމަންޑޫ ސްކޫލު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާތީ އެ މަސައްކަތް ވެސް ފެށިގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވެފައިވާ ވައުދު ފުއްދޭނީ ސަރުކާރުގެ ކެނޑިޑޭޓަކަށް ކަމަށެވެ. އެކަން އެހެން ވިސްނުމެއްގެ އެހެން ފިކުރެއްގެ ބަޔަކަށް ނުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.