މިއީ ސިއްހަތަށް ގެއްލުންހުރި އެކަމަކު މާބޮޑު ސަމާލުކަމެއް ނެތި ދޫކޮށްލެވޭ ކަންކަމެވެ. ކުދިކުދި ކަންތައްތަކޭ ހީކޮށެވެ. ނަމަވެސް ގިނަ ދުވަހުން ބޮޑެތި ކަންކަމަށް ބަދަލުވެ ސިއްހަތު ބޮޑު ނުރައްކަލެއްގެ ތެރެ އަށް ވައްޓާލަފާނެ ކަންކަމެވެ. މިއިން އާދައެއް ހުރި ނަމަ ވީހާ ވެސް އަވަހަކަށް އެކަންކަމާއި ދުރުވާން ޖެހެ އެވެ.
މާ ގިނައިން ޗުއިންގަމް ހެފުން
ސްޓްރެސްއާ ދުރުވާން ނުވަތަ އަނގައިން ނުބައި ވަސް ދުވުން ހުއްޓުވަން އާންމުކޮށް ޗުއިންގަމް ހެފެ އެވެ. ނަމަވެސް މާ ގިނައިން ޗުއިންގަމް ހަފާ ނަމަ ހިރުގަނޑަށް އެކަމުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ. މާގިނައިން ޗުއިންގަމް ހަފާނަމަ އާތްރައިޓިސް ފަދަ ބަލިތައް ޖެހުމަށް މަގުފަހިވާކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
ނިޔަފަތި ހެފުން
ނިޔަފަތި ހެފުމަކީ ވެސް ގިނަ މީހުންގެ ގައިގައި ހިފައިފައި ހުންނަ ނުރަނގަޅު އާދައެކެވެ. މާބޮޑަށް ހާސްވުމުން ގިނަ ފަހަރަށް މި މީހުންނަށް ނިޔަފަތި ހަފަން ފެށެ އެވެ. ނިޔަފަތި ހަފާނަމަ ނިޔަފަތިތައް ހަލާކުވުމުގެ އިތުރުން އިނގިލީގެ ހަންގަނޑު އިންފެކްޓްވެ ހަލާކުވާން މަގުފަހިވެ އެވެ. އޭގެ އިތުރުން ދަތްތައް ހަލާކުވުމާއި ނަފްސާނީ ބަލިތަކަށް ވެސް މަގުފަހިކުރުވަ އެވެ.
ރޭގަނޑު ދަތް ނުއުނގުޅުން
މުޅި ދުވަހު ބުރަކޮށް އުޅުމަށް ފަހު ގެއަށް އަންނަ ގޮތަށް ނިދެނީ އެވެ. ވަރުބަލިވެފަ ހުންނަ ވަރުން ދަތް އުނގުޅުން ވަނީ ބޮޑު ކަމަކަށެވެ. މިއީ ދަތްތައް ހަލާކުވެ ބަލިތައް ޖެހެން މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. ހާއްސަކޮށް، އުމުރުން ދުވަސްވަމުން އަންނައިރު ދަތްތައް ސަމާލުކަން ދޭން ޖެހެ އެވެ. ޑޮކްޓަރުން ލަފާދެނީ އެންމެ މަދުވެގެން ދުވާލަކު ދެފަހަރު ދަތް އުނގުޅުމަށެވެ.
މާ ގިނައިން ކޮމްޕިއުޓަރު ކައިރީގައި އިނުން
ގިނަ ވަޒީފާތަކުގައި ވަގުތު ހޭދަކުރަން ޖެހެނީ ކޮމްޕިއުޓަރު ދޮށުގަ އެވެ. އެންމެ މަދުވެގެން އަށް ގަޑިއިރު އެގޮތަށް ހޭދަކުރެ އެވެ. މިކަމުގެ ސަބަބުން ލޮލުގެ ފެނުމަށް ބަދަލު އާދެ އެވެ. ސްކްރީން ވަގުތު ގިނަ ވުމުގެ ސަބަބުން ލޯ ހަލާކުވާ މީހުން ގިނަ އެވެ. ގިނަ ވަގުތު ކޮމްޕިއުޓަރު ދޮށުގައި އިންނަނަމަ ކޮންމެ 20 މިނެޓަކުން ބްރޭކެއް ނަގާށެވެ. މާގިނަ ވަގުތު ނޫނަސް އެންމެ ރަނގަޅުވާނެ އެވެ. ކޮންމެ 20 މިނެޓަކުން 20 ސިކުންތު ރަނގަޅުވާނެ އެވެ.
ގިނަ ވަގުތު އިށީނދެ އިނުން
ގިނަ ވަގުތު ސްކްރީންއަށް ބަލަން ހޭދަކުރާ ފަދައިން ގިނަ ވަގުތު އިށީނދެ އިނުމަކީ ވެސް ސިއްހަތަށް ގެއްލުންހުރި ކަމެކެވެ. މާގިނަ ވަގުތު އިށީނދެ އިންނަ ނަމަ ފަލަވުމާއި، ޑައިބެޓިސް އަދި ލޭ މައްޗަށް ދިއުމުގެ މައްސަލަ އާއި ކުރިމަތިލާން ޖެހެ އެވެ.
ގިނަ ވަގުތު އިށީނދެ އިންނަން ޖެހޭ ވަޒީފާތަކުގައި އުޅޭ މީހުން ވެސް ކޮންމެ އަވަސް އަވަހަށް ކުދި ކުދި ބްރޭކް ނަގާލައި ހިނގާ ހަދަން ވާނެ އެވެ. އިށީންދެ އިންނައިރު ވެސް އިންނަންވާނީ ރަނގަޅަށް އުނަގަނޑު ސީދާ ކޮށްގެންނެވެ. އެހެން ނޫން ނަމަ ބުރަކަށީގައި އާއި ކަނދުރާގައި ރިއްސުން ކަހަލަ ކަންކަމާ ކުރިމަތިލާން ޖެހޭނެ އެވެ.