ކުރީގެ ހިންދީ ފިލްމީ ތަރި ސަނާ ޚާން، އުމުރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އާންމުންނާ މުހާތަބުކޮށް ވީޑިއޯއެއް އާންމުކޮށްފި އެވެ.

އުމުރާގެ އަޅުކަން އަދާކުރުމަށްފަހު އޭނާ އާންމުކުރި ވީޑިއޯގައި އޭނާ ވަނީ ހިތާމަކޮށް ރޮއެފަ އެވެ.

އިންސާނުން މާތްﷲ ގެ ނިއުމަތްތަކަށް އެންމެ އެދެވޭ ގޮތުގައި ޝުކުރު އަދާނުކުރެވޭ ކަމަށާއި، އެހެން ނަމަވެސް އެކަލާނގެ އިންސާނުންނަށް ލައްވާ ރަހުމަތް އެއްވެސް މިންވަރަކަށް މަދު ނުވާ ކަމަށް ސަނާ ވަނީ ބުނެފަ އެވެ.

ސަނާ ޚާން ވަނީ މުފްތީ އަނަސް ސައީދާއި، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ކައިވެނިކޮށްފަ އެވެ. އަދި އެއަށްފަހު އޭނާގެ ފިރިމީހާގެ ފަރާތުން ދީނީ އިލްމު އިތުރަށް އުނގެނި، ދީނާ ގާތްވަމުން އަންނަ ކަމަށް ސަނާ ވަނީ ބުނެފަ އެވެ.

މީގެ ކުރިން ބޮލީވުޑްގެ ބައެއް ލަވަތަކާއި ފިލްމުތައް ސަނާ ޚާން ކުޅެފައިވާއިރު، ކުއްލިގޮތަކަށް މުފްތީ އަނަސްއާއި ކައިވެނިކުރީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ވަނީ ސަނާ ޚާންއަށް ފާޑުކިޔާފަ އެވެ.

އެހެންނަމަވެސް ސަނާ ބުނީ، އަނަސްއާ ކައިވެނިކުރުމަކީ ކުއްލި ގޮތަކަަށް ދިމާވި ކަމެއް ނޫންކަމަށެވެ. އަދި އަނަސްފަދަ ހެޔޮލަފާ އޯގާތެރި ފިރިޔަކު ލިބުމަށް ސަނާ އަބަދުވެސް ދުއާ ކުރި ކަމަށާއި، އޭނާގެ ދުއާ މާތްﷲ ގަބޫލު ކުރެއްވީ ކަމަށް ސަނާ ވަނީ ބުނެފަ އެވެ.