މިއަދު އެންމެ މުހިންމު ކަމަކީ ދަރަނިން ސަލާމަތްވެފައިވާ ގައުމަކަށް ރާއްޖެ ހެދުން ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އަދީބު ވިދާޅުވީ އެންމެ މުހިންމު ގައުމީ ވާޖިބަކީ ދިވެހީން ބަނޑުފުރާނަ މުއްތިކޮށް ދަރަނިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުން ކަމަށެވެ.
މީގެއިތުރުން ބޯހިޔާވަހިކަން ލިބި، ހަމަޖެހޭ ދިރިއުޅުމެއްގައި އުޅެވޭ އަދި ކޮންމެ ރައްޔިތަކީ އަމިއްލަ އީވޮލެޓެއް އޮތް ގައުމުގެ އިގްތިސާދުން ހިއްސާއެއްލިބޭ ތަނަވަސް ދިވެހި ރައްޔަތަކަށް ހެދުމަކީ ވެސް އެންމެ އިސްކަންދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމަނަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އަދީބު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވެސް ފާޑުވިދާޅުވެފަ އެވެ.
"ކާބަފައިން ކަންކުރީ އަމަލުންނެވެ، އިސްލާހީ މަސައްކަތޭ، މަތިގެޔާ ތިރީގެޔޭ ކިޔާ ފޮނިކަނޑާ ފޮނިވާހަތަކާ ޕޯޑިއަމްގައި ހަޅޭއްލަވާ ޅެންހަދާ އިނާމުދީ ހަފްލާތައް ބާއްވައިގެނެއް ނޫނެވެ. ބޮޑުތަކުރުފާނު މިގައުމު ސަލާމަތްކުރެއްވީ އަމަލުންނެވެ. ބޭރުގެ އެހީ އާއި އަދި ދިވެހި ރައްޔިތުންގެ ލޯތްބާއި އެކުގައެވެ،" އަދީބު ވިދާޅުވި އެވެ.
އަދީބުގެ ވާހަކައިގައި އިސްލާހީ މަސައްކަތޭ ވިދާޅުވެ އިޝާރާތްކުރެއްވީ ރައީސް ނަޝީދުގެ ވާހަކަ އެވެ. މަތިގެޔާއި ތިރިގެޔޭ އެ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދާދިފަހުން ދެއްކެވި ވާހަކައަކަށެވެ. ފައްޔާޒް ވިދާޅުވެފައި ވަނީ ރާއްޖޭގައި ވެސް މަޖިލީހުގެ މަތިގެއާއި ތިރިގެއެއް އޮންނަންޖެހޭ ކަމަށެވެ.
ޕޯޑިއަމްގައި ހަޅޭއްލަވާ ޅެންހަދާ ކަމަށް އެ ވިދާޅުވީ ޕީއެންއެފް އިން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ޅެންބައިތެއް ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކޮށެވެ. އިނާމު ދިނުމުގެ ހަފްލާތައް ބޭއްވުމޭ ވިދާޅުވެ އެ އިޝާރާތް ކުރެއްވީ ރައީސް މުއިއްޒަށެވެ.
އެމްއެމްޕިއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބަށް އިއްވި 20 އަހަރުގެ ޖަލު ހުކުމް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މައާފްކޮށްދެއްވާފަ އެވެ.