ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ހދ. ފިނޭގައި ސެލްފް-ސެރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި އެވެ. ބޭންކުގެ އަމާޒަކީ މި ހަފްތާ ތެރޭގައި ހދ. އަތޮޅުގެ އިތުރު 10 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމެވެ.

މި ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ފިނޭ އާއި އެ އަތޮޅުގެ އެހެން ރަށްތަކުގައި އޭޓީއެމް ވިއުގަ ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓަކީ މުޖުތަމައުތަކަށް ވީހާވެސް ގާތުން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.

"މިހާރު މިރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި 24 ގަޑިއިރު އޭޓީއެމްގެ ޚިދުމަތް ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 146 ސެލްފްސަރވިސް ބޭންކިން ސެންޓަރު، 204 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.