ކޮވިޑް ހާލަތު އިތުރަށް ގޯސްވަމުންދާތީ މާލޭ ސަރަހައްދުގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑް ހާލަތު އިތުރަށް ގޯސްވެފައިވާތީ އިތުރު ފިޔަވަޅުތަކެއް މާދަމާއިން ފެށިގެން އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް ބަލި ފެތުރުން އިތުރުވެފައިވާތީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުން އެހެން ތަނަކަށް ދަތުރުކުރާނަމަ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އޮންނަންވާނެކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުމާއި، ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީ.ސީ.އާރ ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންކަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެ ތެރޭގައި މިފަދަ މީހުންނާއެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ނުހިމެނޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުމާއި، 50 މީހުންނަށް ވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ މިފަދަ ކަންކަން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމާއި، މަގުމަތީ ބާޒާރުތައް ނުބޭއްވުމުގެ އިތުރުން ކުޅިވަރު މުބާރާތްތައް، ކުޅިބަލާ މީހުންނަށް ވަދެވޭ ގޮތަށް ނުބޭއްވުމެވެ.

ރާއްޖެއިން ކޮވިޑު ޖެހޭ މީހުންގެ އަދަދު ފާއިތުވި ދުވަސްތަކުގައި އުޅެނީ 300 އިން މަތީގައި ކަމަށްވާއިރު އިއްޔެ މާލެ އިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 100 އިން މައްޗަށް އަރާފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އަނެއްކާވެސް އިތުރުވާން ފަށާފައިވާއިރު ކުރިއަށް އޮތް ތިން ހަފްތާއަކީ ރާއްޖޭގައި ކޯވިޑްގެ ޙާލަތު އެންމެ ގޯސްވާނެ ތިން ހަފްތާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ވިދާޅުވެފަ އެވެ.