މާލެއިން އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތަކުން ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކު ދަތުރު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އެންގުމާއި ގުޅިގެން ސާމްޕަލް ނެގުމަށް އެތައް ބަޔަކު ކިއޫގައި ޖެހިއްޖެ އެވެ.
އެޗްޕީއޭއިން ނިންމި ނިންމުމާއި ގުޅިގެން، ކޮވިޑް ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށް ސޯޝަލްސެންޓަރު ހިމެނޭ ސަރަހައްދުގައި މިހާރުވަނީ އެތައް ސަތޭކަ ބަޔަކު ކިއޫ ހަދާފަ އެވެ. ސޯޝަލް ސެންޓަރުގެ ރަސްފަންނާއި ވީފަޅިން ފެށިގެން ހިރިޔާ ސްކޫލް ހިސާބަށްވެސް ކިޔޫ ވަނީ ދަމާލާފަ އެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން އުރައިގެން ގޮސްތިބި އަންހެނުންވެސް ތިއްބެވެ.
އެޗްޕީއޭއިން މިއަދުވަނީ، މާލެ ސަރަޙައްދުގައި ކޮވިޑް-19ގެ ކޭސް އިތުރުވެ އަދި މާލެ ސަރަޙައްދުގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ 5 އިންސައްތަ އަށްވުރެ މަތިވެފައިވާތީ، މާދަމާ އިން ފެށިގެން މާލެ ސަރަޙައްދުން ދަތުރުކުރުމުގައި ޕީސީއާރް ޓެސްޓް ހަދަންޖެހޭ ގޮތަށް ނިންމާފަ އެވެ. މާލެ ސަރަޙައްދުން ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްވާނަމަ، 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހެ އެވެ. އަދި ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީސީއާރ ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްވުމުން ނެވެ. މިފަދަ މީހުންނާއެކު ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން އިސްތިސްނާކުރެވޭނެ.ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްވާނަމަ ދަތުރުކުރުމުގެ 72ގަޑިއިރުނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހެ އެވެ.
މިދުވަސްވަރަކީ ވަރަށް ގިނަ ބަޔަކު ޗުއްޓީއަށް މާލެއައިސް ތިބި ދުވަސްވަރަކަށް ވާތީ ކުއްލިއަކަށް އެޗްޕީއޭއިން މިފަދަ ނިންމުމެއް ނިންމުމުން ގިނަބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.
ސޯޝަލް މީޑިއާގައި މިކަމާ ފާޑު ކިޔަމުންދާ ފަރާތްތަކުން ބުނަނީ މިއީ ކަނޑައެޅިގެން ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމުގަ އެވެ. އަދި މިނޫން ރަނގަޅު އިންތިޒާމެއްގެ ދަށުން ޓެސްޓު ހެދޭނެ ގޮތް ހެދުމަށް ސަރުކާރަށް ދަނީ ގޮވާލަމުންނެވެ.