މާލޭގައި ހުންނަ ހުރަވީ ބިލްޑިން ތަޅާލައި އެތަނުގައި ޕާކެއް ހަދަން މަޝްވަރާކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އެ ބިލްޑިން ތަޅާލަން ނިންމާފައިވާކަން ފާހަގަކޮށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އެތަނުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ޕާކެއް ކަމަށެވެ. އަދި ޕާކު ހަދާއިރު ޕާކިން ޒޯންތައް ވެސް ހުންނާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

މާލޭގައި ހުރި ހުރަވީ ބިލްޑިންއަކީ 1980 ގެ ކުރީކޮޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހެދި ތަނެކެވެ.

އޭރު، އެ އިމާރާތުގައި ރާއްޖޭގެ އެކި ވުޒާރާތައް ހިންގަމުންދިޔަ އެވެ. މިގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ އިތުރުން، މާލޭގެ ކައުންސިލްގެ ބައެއް ޔުނިޓްތަކާއި، އިމިގްރޭޝަން އަދި ބައެއް މިނިސްޓްރީތައް ވެސް ހިންގާފައިވެ އެވެ.

ނަމަވެސް އެއިމާރާތް ރައްކާތެރި ކަމަށް ނުފެނުމާއި ގުޅިގެން، އޮފީސްތައް ވަނީ ބަދަލުކޮށްފަ އެވެ.

ހުރަވީ ބިލްޑިންއަކީ މީގެ ކުރިން ރައިސް ނަޝީދުގެ ވެރިކަމުގައި ވެސް، ތަޅާލުމަށް ނިންމި ބިލްޑިންއެކެވެ.