ދެ މަގާމު އަދާކުރައްވާ އެހެން ވަޒީރުން ވެސް ކެބިނެޓްގައި އެބަތިބި ކަމަށާއި އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމަކީ ވަޒީފާއެއް ނޫން ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން އެއް ފަހަރާ ނުކުރެވޭނެ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރައީސަށް ވަކި މުސާރައެއް ނުދޭ ކަމަށާއި އޭނާއަށް ލިބިލައްވާ އާމްދަނީއަކީ ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ގޮތުން ލިބިލައްވާ މުސާރަ ކަމަށެވެ.
"ގާނޫނު އަސާސީގައި ވަރަށް ސާފު ސީދާ އިބާރާތުން އޮންނާނެ ދެ ވަޒީފާ އަދާ ނުކުރެވޭނެޔޭ. ދެން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އދ.ގައި އަޅުގަނޑު މި އަދާ ކުރަނީ ވަޒީފާއެެއް ނޫން. އަޅުގަނޑަކީ މަގާމުގެ ހައިސިއްޔަތެއް އޮތް މީހެއް. އެހެންވީމަ އދ.ގެ ރައީސްގެ މަގާމުގެ ހައިސިއްޔަތު އަޅުގަނޑަށް ލިބިފަ އޮތީ އަޅުގަނޑަކީ ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ކަމަށް ވާތީ،" ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން ޝާހިދު ވަނީ އޭނާއަކީ އަމިއްލަ ގައުމުގެ ޚާރިޖީ ވަޒީރުގެ މަގާމު ފުރުއްވަމުން، އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާ ފުރުތަމަ ބޭފުޅާ ނޫންކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން ވޯލްޑް ބޭންކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރަކީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަމަށާއި ރާއްޖެއިން ޔުނެސްކޯއަށް ކަނޑައަޅާފައި ހުންނަވާ ގަވަރުނަރަކީ އެޑިއުކޭޝަން މިނސްޓަރު ޑރ. އައިޝަތު އަލީ ކަމަށާއި އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކަށް ކަނޑައަޅާފައި ހުންނަވާ ގަވަރުނަރަކީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ކަމަށް ޝާހިދު ވިދާޅުވި އެވެ.
ދެ ގާނޫނު އަސާސީ ލިޔުނު އިރާއި ތަސްދީގުކުރި އިރުވެސް އޭނާ ހުންނެވިކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، ގާނޫނު އަސާސީގައި އޮތް އެއްޗެއް އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ހިބަރު ބޮޑު ވަދުގަޑުން ހައްސި ބޭނޭނީ އޭރުންތާ !