އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމަށް ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ، ކޮމަންޑޫގެ ދާއިރާއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ ދަތިކަމާއި ދަތުރުފަތުރު ކުރުމުގެ ދަތި ކަމަށް ހައްލު ގެނެސް ދޭނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ޔާމީން މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމަށް މިއަދު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުނެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި ކަންކަން ކޮށްދެނީ އިންތިހާބުތަކާ ދިމާކޮށް ނޫން ކަމަށާއި ޕީޕީއެމްގެ ސަރުކާރުން ކަންކަން ކޮށްދީފައިވާނީ ރައްޔިތުންނަށް އެންމެ ބޭނުންވާ ވަގުތުތަކުގައި ކަމަށެވެ.

ކޮމަންޑޫ، މަރޮށީ އަދި ފޯކައިދޫ ހިމެނޭ ކޮމަންޑޫ ދާއިރާގައި އެމަނިކުފާނުގެ ވެރިކަމުގައި 500 މިލިއަން ރުފިޔާގެ އެކިއެކި މަޝްރޫއު ހިންގެވިކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ކޮމަންޑުއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެއްޓެވީވެސް އެމަނިކުފާނުގެ ސަރުކާރުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރެއް ރައްޔިތުން އިންތިހާބުކޮށްދެއްވައިފިނަމަ، ކޮމަންޑޫ ދާއިރާއަށް ތަރައްގީގެ އެކި މަޝްރޫއުތައް ގެނެސްދެއްވާނެ ކަމަށާއި އެގޮތުން ދިގުވެލިދޫގައި ޒަމާނީ އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށެވެ.

"މިތާ ކައިރީގައި މިއޮއް ދިގު ވެލިދޫއަކީ، ތި ބޭފުޅުންނާ މާލެއާ، އަދި ތިބޭފުޅުންނާ އެހެން ރަށްރަށާ ގާތް ކޮށްދޭނެ ވައިގެ ބަދަރެއް އޮންނާނެ ރަށެއް" ރައީސް ޔާމީން ވިދާޅުވި އެވެ.

އިންތިޚާބާ ދިމާކޮށް، ކޮމަންޑުއާއި މަތި-ކޮމަންޑޫ ބްރިޖަކުން ގުޅުވާލުގެ މަޝްރޫއު ކުރިޔަށް ގެންދާތީ ރައީސް ޔާމީންވަނީ އެކަމަށް ފާޑު ވިދާޅުފައެވެ މިގޮތުން ވިދާޅުވީ، އިންތިހާބެއް ކައިރިވުމަށް ސަރުކާރަށް ކޮމަންޑު ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި އިހްސާސްވާން ފަށާފައިވާ ކަމަށެވެ. ނަމަވެސް ޕީޕީއެމްއިން އަބަދުވެސް ރައްޔިތުންނާ ގާތުން، ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ކޮމަންޑު ބޮޑު ކުރުމުގެ މަޝްރޫއަކީ ޕީޕީއެމްގެ މަޝްރޫއުއެއްކަމަށް ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާ ހިމެނޭ ސަރަހައްދަކީ މަސްވެރި ސަރަހައްދެއް ކަމަށާއި އެގޮތުން ށ.ކީކިމިނި މަސްފެކްޓްރީގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ޕީޕީއެމްގެ ސަރުކާރެއްގައި މަސައްކަތް ކުރާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ކުރީ ސަރުކާރުގެ ފަހު ދެ އަހަރު މަސްވެރިކަމުގެ ދާއިރާގައި ވަރުގަދަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުތަށް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނާއި ޤައުމަށްވެސް އިހުލާސްތެރި މަސައްކަތެއް ނުކުރެވޭ ކަމަށާއި، ޤައުމަށްވެސް ފައިދާހުރި އެއްވެސް ކަމެއްވެސް މި ސަރުކާރަށް ނުކޮށްދެވޭ ކަމަށެވެ.