މުޅި މާލެ އާއި ހުޅުމާލެ އިން ކަރަންޓް ކެނޑިއްޖެ އެވެެ. ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ މިއަދު 9:30 އެހާއިރު އެވެ.

ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުން ދާކަމަށްވެސް ވަނީ ބުނެފަ އެވެ.

މާލޭގައި ހުރި ސްޓެލްކޯގެ ސަބްސްޓޭޝަނަކަށް ރޭ ބަޔަކު ވަދެ ކޭބަލް ބުރިކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފަ އެވެ.

ފުލުހުން ބުނީ ފަރީދީ މަގުން ގަޑިބުރު ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަން ތެރެއަށް ބަޔަކު ރޭ ވަދެ ކޭބަލެއް ބުރިކޮށްލާފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނަމަވެސް މިއަދު ކަރަންޓް ކެނޑެން ދިމާވި ސީދާ ސަބަބު ސްޓެލްކޯއިން މިހާތަނަށް ހާމަކޮށްފައިނުވެ އެވެ.