އަހަރު ނުވާ ތުއްތު ކުދިންނާއި ކުޑަ ކުދިންގެ ތެރެއިން ވިޓަމިން ޑީ މަދުވުމުގެ މައްސަލަ ހުންނަ ކުދިންނަށް އުމުރުން ދުވަސްވާ ވަރަކަށް ލޭމައްޗަށް ދިއުމުގެ މައްސަލަ ކުރިމަތިވުމުގެ ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

މި ދިރާސާ އަށް ސައިންސްވެރިން ވަނީ އެމެރިކާގެ ބޮސްޓަންގެ 775 ކުއްޖެއްގެ ސިއްހީ މައުލޫމާތު، އުފަންވީންސުރެ 40 އަހަރު ވަންދެން ބަލާފަ އެވެ. މީގެ ތެރެއިން ގިނަ ކުދިންނަކީ ފޯރުންތެރިކަން ކުޑަ އާއިލާތަކަށް ނިސްބަތްވާ، ސިޓީ ސަރަހައްދުން ބޭރުގައި އުޅޭ ކުދިންނެވެ.

މި ހޯދުމުން އެނގުނު ގޮތުގައި އުފަންވާއިރު ވިޓަމިން ޑީ މަދު (މިލިމީޓަރަކަށް 11 ނެނޮގްރާމްސް އަށް ވުރެ ދަށް) ކުދިންގެ އުމުރުން 25 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުގައި ސިސްޓޮލިކް ބްލަޑް ޕްރެޝަ މައްޗަށް ދިއުމުގެ ނުރައްކާ 60 ޕަސެންޓަށް ބޮޑުވެ އެވެ.

ސިސްޓޮލިކް ބްލަޑް ޕްރެޝަ އަކީ ހިތުގެ ވިންދާއެކު ލޭ ހޮޅިތަކަށް ލޭ ފޮނުވާލާ ބާރުމިނެވެ. ޑަޔަސްޓޮލިކް ބްލަޑް ޕްރެޝަރަކީ ހިތުގެ ވިންދުގެ ދެމެދުގައި ހުންނަ ބާރުމިނެވެ.

ޑަޔަސްޓޮލިކް ބްލަޑް ޕްރެޝަރު ދަށްކޮށް ހުރި ނަމަވެސް، ސިސްޓޮލިކް ބްލަޑް ޕްރެޝަރު މަތި ނަމަ ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވެ އެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި، އާންމު ގޮތެއްގައި ވިޓަމިން ޑީ ދަށްކޮށް (މިލިމީޓަރަކަށް 25 ނެނޮގްރާމްސް އަށް ވުރެ މަދުން) ހުންނަ ކުދިންނަށް، އުމުރުގެ ފަހު ބައިގައި ސިސްޓޮލިކް ބްލަޑް ޕްރެޝަރު މައްޗަށް ދިއުމުގެ ނުރައްކާ، ވިޓަމިން ޑީ އެކަށީގެންވާ ވަރަށް ހުންނަ ކުދިންނާ އަޅާބަލާއިރު ދެ ގުނަ ބޮޑުވެ އެވެ.

މި ދިރާސާގައި ހާމަވެފައި ވަނީ ވިޓަމިން ޑީ އާއި ލޭމައްޗަށް ދިއުމާ ހުރި ގުޅުމެކެވެ. ނަމަވެސް މިހެން ދިމާވާ ސަބަބެއް ހޯދިފައެއް ނުވެ އެވެ.