ތެހްރާން (14 ޖެނުއަރީ) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޑްރޯން ހަމަލާއެއްގައި ގަތުލު ކުރާ ކަަމަށް ސިފަވާ އެނިމޭޓަޑް ވީޑިއޯއެއް އީރާނުން އާއްމު ކޮށްފި އެވެ.

އެގައުމުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީގެ ރަސްމީ ވެބްސައިޓުން އާއްމުކޮށްފައިވާ މި ވީޑިއޯގައި ޓްރަމްޕް ފްލޮރިޑާގެ ގޮލްފް ކޯޒްއެއްގައި ހުންނައިރު ރޮބޮޓެއް ބޭނުން ކޮށްގެން ޑްރޯން އޮޕަރޭޓް ކުރާ މަންޒަރު ފެނެ އެވެ.

މި ވީޑިއޯއަކީ މީގެ ދެއަހަރު ކުރިން އިރާގުގައި ގަތުލު ކުރެވުނު އީރާނުގެ ގުދުސް ފޯސްގެ ކުރީގެ ވެރިޔާ ގާސިމް ސުލައިމާނީގެ ގަތުލަށް ދެ އަހަރު ފުރުނު ދަނޑިވަޅާ ދިމާކޮށް ނެރުނު ވީޑިއޯ އެކެވެ.

ވީޑިއޯގައި ޑްރޯން ހަމަލާ ދިނުމުގެ ކުރިން ޓްރަމްޕްގެ ކައިރީގައި ހުންނަ އޮފިސަރަށް ސުލައިމާނީ ގަތުލުކުރި މީހުންނަށާއި އެކަމަށް އަމުރުކުރި ފަރާތަށް އޭގެ ހައްގު އަދަބު ލިބޭނެ ކަމަށް ބުނެ މެސެޖެއް އާދެ އެވެ.

މި މަހުގެ ކުރީކޮޅު އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވަނީ ޓްރަމްޕްއަށް މަރުގެ އަދަބު ދިނުމަށް ގޮވާލާފަ އެވެ. އެހެން ނޫންނަމަ އެމެރިކާއާއި އެގައުމުގެ ބައިވެރިންގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު ރައީސީ ދެއްވި އެވެ.

"ސުލައިމާނީގެ ގަތުލުގައި ޒިންމާވާ ހުރިހާ އެންމެންނަށް ހައްގު އަދަބު ނުދީފިނަމަ އެމެރިކާއާއި ބައިވެރިންގެ ކިބައިން މުސްލިމް އުއްމަތް ބަދަލު ހިފާނެ" ރައީސީ ވިދާޅުވި އެވެ. -- އަލް އަރަބިއްޔާ