ނިއު ދިއްލީ (14 ޖެނުއަރީ) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ކާރުބާރު ބޮޑު މާމެލާމެލީގެ މާރުކޭޓެއްގައި އެއްލާލާފައި އޮތް ދަބަހެއްގެ ތެރެއިން އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސްއެއް ފެނުމާއެކު ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވެއްޖެ އެވެ.

"މާރުކޭޓުން އައިއީޑީއެއް ފެނި އެ ސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި. ދެން ހުރި ކަންތައްތައް ދަނީ ތަހުގީގު ކުރެވެމުން" މީޑިއާއާ ވާހަކަ ދެއްކި ފުލުހުންގެ އޮފިސަރަކު ބުންޏެވެ.

ޕޮލިސް ކޮމިޝަނަރު ރާކޭޝް އަސްތާނާ ވިދާޅުވީ ބޮން ލާފައި އޮތް ދަބަސް މާރުކޭޓަށް ދޫކޮށްލީ ޣާޒީޕުރު ހޯލްސޭލް ފްލާވާ މާކެޓްއަށް ވިޔަފާރި ކުރަން އައި ކަސްޓަމަރެއް ކަމަށެވެ.

އައިއީޑީ ފެނުމާއެކު އަސްކަރިއްޔާގެ ބޮމްބް ސްކްއަޑްއިން ވަނީ އައިއީޑީ ޑިފިއުސްކޮށް ހާލަތު ކޮންޓްރޯލްގެ ދަށަށް ގެނެސްފައި ކަމަށް މީޑިއާތަކުން ބުނެ އެވެ.

މި ޖެނުއަރީ މަހު 26 ވަނަ ދުވަހު އިންޑިއާގައި ފާހަގަކުރާ ޖުމްހޫރީ ދުވަހާ ގުޅިގެން އަސްކަރީ ހިނގާލުމެއް ބާއްވަން ހަމަޖެހިފައިވާއިރު އެގައުމުގެ ސަލާމަތީ ކަންކަން ވެސް ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ.

މިދިޔަ އަހަރު ވެސް އިންޑިއާގައި ހުންނަ އިޒްރޭލުގެ އެމްބަސީ ކައިރީގައި އައިއީޑީއެއް ގޮއްވާލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރު ކުރެވިފަ އެވެ.

ނިއު ދިއްލީގއި އެންމެ ފަހުން ދިން ނުރައްކާތެރި ބޮމުގެ ހަމަލާ ދީފައިވަނީ 2008 ވަނަ އަހަރު އެވެ. ކާރުބާރު ބޮޑު އެކި ތަންތަނުގައި ގޮވި ގޮވުން ތަކުގައި 24 މީހަކު މަރުވެ އިތުރު 90 މީހަކަށް އަނިޔާވެފައިވެ އެވެ. -- އަލް އަރަބިއްޔާ