ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް، މ. މާހުރާ، އަހަމަދު ސަލީމަށް އަރުވައިފި އެވެ.

މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ސަލީމަށް މި ޝަރަފް އެރުވީ ރައީސް މުހައްމަދު މުއިއްޒެވެ.

ސަލީމް، ދައުލަތަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 50 އަހަރަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު، އެބޭފުޅާ އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވަނީ، ރާއްޖޭގެ ހާރިޖީ ދާއިރާގަ އެވެ. 7 ޖުލައި 1968 ގައި ހާރިޖީ ދާއިރާއާ ގުޅިވަޑައިގެން ސަލީމް ވަނީ އެކިފަހަރުމަތިން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފަ އެވެ.

ސަލީމް އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި، ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، ދިވެހިރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަގާމު ހިމެނެ އެވެ.

ހަމައެއާއެކު، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅުއްވި ޑިރެކްޓަރުކަމުގެ މަގާމާއި، ސާކް ސެކްރެޓެރީ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވި ސަލީމް ވަނީ ޖުމުލަ 5 އަހަރާއި 6 މަސް ދުވަހު ސާކުގައި ހިދުމަތް ކުރައްވާފަ އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާބެހޭ ބައިގެ ހެޑް އޮފް ޑިޕާޓްމަންޓުގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައި، އަދި މިނިސްޓްރީގެ އެހެނިހެން ޑިޕާޓްމަންޓުތަކުގެ ހެޑްކަންވެސް ކުރެއްވި ސަލީމް ވަނީ ރާއްޖޭގެ ހާރިޖީ ދާއިރާގައި މަސައްކަތްޕުޅު ކުރެއްވި ދިގު މުއްދަތުގައި ރާއްޖެއިން ބޭރުގައި ބާއްވައިފައިވާ ބައިނަލްއަގުވާމީ އެތައް ބައްދަލުވުންތަކެއްގައި ރާއްޖެ ތަމްސީލު ކުރައްވާ، ރާއްޖޭގެ ތަރައްގީއަށް ބޭރު ގައުމުތަކުން އެހީ ހޯއްދަވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއްވެސް ވަނީ ކޮށްދެއްވާފަ އެވެ.

މިއާއެކު ފޮރިން މިނިސްޓްރީގެ "ފޮރިން ސަރވިސް އިންސްޓިޓިއުޓް" ވެސް ހިންގެވީ ސަލީމް އެވެ.

ސަލީމަކީ، ރާއްޖޭގެ ހާރިޖީ ދާއިރާގެ އިތުރުން ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުގައިވެސް ހިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން 2003ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވިއިރު، އެ ކޮމިޝަނަށް އައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި ސަލީމް ހިމެނިވަޑައިގެންނެވި އެވެ. އަދި މިހާރު އަމަލުކުރަމުންގެންދާ 2008ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް ސަލީމެވެ.

ސަލީމް ފުރުއްވައިފައިވާ އެހެން ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ އޮފް ސްޕޯޓްސް ކަމުގެ މަގާމު ހިމެނެ އެވެ.

މީގެ އިތުރުންވެސް މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ސަލީމް ފުރުއްވައިފައިވެއެވެ.