އެޗްޑީސީން ހިޔާ ފްލެޓް ސަރަހައްދުގެ މަގު ކޮނުމުގެ ތެރޭގައި ކޭބަލެއް ހަލާކުވެ، ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑުނުތާ ދެ ގަޑިއެއްހާއިރު ފަހުން، ސްޓެލްކޯ އިން މައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތް އަލުން ފަށައިފި އެވެ.

މިއަދު ހެނދުނު 9:20 ހާއިރު ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑުނީ ފްލެޓް ސަރަހައްދުގެ މަގުތައް ހަދަން އެޗްޑީސީން ހަވާލު ކޮށްފައިވާ ކުންފުނިން މަގު ކޮންނަނިކޮށް، ފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަަޅާފައިވާ ކޭބަލެއް ހަލާކުވެގެންނެވެ.

ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން އަޅާފައިވާ ކޭބަލެއް ހަލާކުވެފައި. ފޮޓޯ: ސްޓެލްކޯ

އެ ކޭބަލް ހަލާކުވެގެން ކަރަންޓު ކެނޑުމާއެކު ހުރިހާ ފްލެޓަކުން ފެނުގެ ހިދުމަތް ވެސް މެދުކެނޑުނެވެ.

https://twitter.com/STELCOMALDIVES/status/1482986432533000196

އެކަމަކު، ސްޓެލްކޯއިން ވަނީ ހެނދުނު 11:10 ހާއިރު ނުވަ ވަނަ ޓަވަރުން ފެށިގެން 16 ވަނަ ޓަވަރަށް ކަރަންޓުގެ ހިދުމަތް އަނބުރާ ދީފަ އެވެ. ބާކީ ހުރި ޓަވަރުތަކަށް މި ހިދުމަތް އަލުން ދިނީ މެންދުރު 1:00 ހާއިރު އެވެ. ހުރިހާ ފްލެޓްތަކަށް ވެސް ފެނުގެ ހިދުމަތް ވަނީ ހެނދުނު 11:10 ހާއިރު ދީފަ އެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި ދެވަނަ ފިޔަވަހީގައި ބޭނުންކުރަނީ އެޗްޑީސީން އަޅާފައިވާ ކޭބަލްތަކެކެވެ. ސްޓެލްކޯއިން އެ ސަރަހައްދަށް ކަރަންޓު ދެނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ސަބްސްޓޭޝަނަކަށް ކޭބަލް ގުޅައިގެންނެވެ.