ބަނޑުހިކި ބޮޑުކަމުދާން އުނދަގޫ ވުމަކީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެކެވެ. މިއީ އާންމުކޮށް ހުރިހާ އުމުރުފުރައެއް ގައިވެސް ދިމާވާ ވަރަށް އުނދަގޫ އަދި ބައެއްފަހަރު ވަރަށް ނުރައްކާ ކަމެކެވެ. އާންމުކޮށް ބަނޑުހިކުމުގެ މައްސަލަ ދިމާވަނީ ބޮޑުގޮހޮރުގެ ހަރަކާތް ދަށްވެ ބޮޑުކަމުދާތަކެތި ބޮޑުގޮހޮރުގައި ތާށި ވުމުންނެވެ.

ބަނޑުހިކުމަށް އާންމުކޮށްދިމާވާ ސަބަބުތަކަކީ ފައިބާ ހުންނަ ކާނާ ބޭނުން ނުކުރުމާއި، ކަސްރަތު ނުކުރުން، މަދުން ފެން ބުއިން، މާބަނޑު ދުވަސްވަރު އަދި ބައެއް ކަހަލަ ބޭސްބޭނުން ކުރުމުންނެވެ. ދިރިއުޅުމުގެ އާދަކާދަ ގެންގުޅޭ ގޮތުންނާއި ސިއްޙީ ބައެއް މައްސަލަތައް ހުންނަ މީހުންގެ ވެސް ބަނޑުހިކުމުގެ މައްސަލަތައް ދިމާވެ އެވެ. ބަނޑު ހިކޭނަމަ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްގެންނާއި ގޭގައި ދެވިދާނެ ފަރުވާ ދީގެން ވެސް ބަނޑުހިކުމުގެ މައްސަލައަށް ފަސޭހައިން ހައްލުހޯދޭނެއެވެ.

ފެން

ބަނޑުހިކުމަށް ދިމާވާ އާންމު މައްސަލައަކީ މަދުން ފެން ބުއިމެވެ. އެހެން ކަމުން ބަނޑު ހިކޭނަމަ ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ހުސްގޮހޮރާ ހުރެ ތާފާނާ ފެންތައްޓެއް ބޯން އާދަ ކުރާށެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު މަދުވެގެން 2-3 ލީޓަރު ފެންބޯން އާދަ ކުރާށެވެ.

ކާށިތެޔޮ

ކާށިތެލަކީ އޭގައި ފެޓީއެސިޑް ހިމެނޭ އެއްޗެކެވެ. ކާށި ތެލުގައި ހުންނަ ފެޓީ އެސިޑްގެ ސަބަބުން ބޮޑުގޮހޮރުގެ ހަރަކާތްތައް އަވަސްވެ ބޮޑުކަމުދަތަކެތި މަޑުކޮށްދެ އެވެ. މީގެ އިތުރުން ކާށިތެލުން ހަށިގަނޑުގައި އިތުރުވާ ބައެއް ބޭކާރު މާއްދާތައް ނައްތާލަދެއެވެ. ބަނޑުހިކޭ ނަމަ ކޮންމެ ދުވަހަކު ދެސަމުސާ ކާށިތެޔޮ (ވާޖިން ކޮކޮނަޓް އޮއިލް) ދެސަމުސާ ބުއިމުން ބަނޑު ރަނގަޅުކޮށްދެ އެވެ.

އިނގުރު

ކާތަކެއްޗަށް މީރު ރަހަ ގެނެސްދިނުމަށް އާންމުގޮތެއްގައި ބޭނުން ކުރަމުން އަންނަ އިނގުރަކީ އޭގައި ހަށިގަނޑަށް ފައިދާ ހުރި ގިނަ މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. އިނގުރުގައި ހިމެނޭ ގުދުރަތީ ލަޒަކްޓިވް މާއްދާއަކީ ބޮޑުގޮހޮރުގެ ހަރަކާތް ފަސޭހަކޮށްދީ އަދި ބަނޑުހިކުމަށް ފަސޭހަކޮށްދޭ މާއްދާ އެކެވެ. އެގޮތުން އިނގުރު ބޭނުން ކޮށްލަންވީ ދެގޮތަކީ އިނގުރު ސައި ބުއިމާއި އަދި އިނގުރު ތެޔޮ ބަނޑުގައި އުނގުޅުމަށްފަހު ބަނޑު މަސާޖު ކުރުމެވެ.

ކޮފީ

ކެފެއިން ހިމެނޭ އެއްޗިހި ބޭނުން ކުރުމުން ބަނޑުގެ އެތެރޭގެ ފަށަލަ ދޫވެ ގޮހޮރުގެ ހަރަކާތް އަވަސްވެ ބޮޑުކަމުދާ ތަކެތި ބޭރުވާން ފަސޭހަވެ އެވެ. ބަނޑުހިކޭނަމަ ކޮންމެދުވަހަކު ދެތަށި ކޮފީ ބުއިމުން ދާދި އަވަހަށް ފަސޭހަކަމާއެކު ބޮޑުކަމު ދެވޭނެ އެވެ. ކޮފީ ބުއިމުން ބަނޑުފަސޭހަވީ ނަމަވެސް ހަށިގަނޑުން ފެންމަދުކޮށް މީހާ "ޑީހައިޑްރޭޓް" ކޮށްލަ އެވެ. އެހެން ކަމުން ކޮފީ ނުވަތަ ކެފެއިން ހުންނަ ކޮންމެ އެއްޗެއް ބޭނުން ކުރިކަމުގައިވީ ނަމަވެސް ގިނައިން ފެންބޯން އާދަ ކުރާށެވެ.

ލުނބޯ

ބަނޑުހިކި ބޮޑުކަމުދާތަކެތި ބޭރު ނުވާނަމަ ތާފެނާ ފެންނަށް ލުނބޯ ހުތް އަޅައިގެން ބުއިމުން ހައްލު ލިބެ އެވެ. ލުނބޯ ޖޫހަކީ އޭގައި ވިޓަމިން ސީ ގެ އިތުރުން އެންޓި އޮކްސިޑެޓްސް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. މީގައި ހިމެނޭ އެންޓި އޮކްސިޑެންޓްގެ ސަބަބުން ކާނާ ހަޖަމްކުރާ ގޮހޮރުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދެ އެވެ.