ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ބޯޓެއްގައި ރޯވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައި ވަނީ ރަންވޭ މަތިގައި ފުރަން ތައްޔާރުވެފައިއޮއްވައި ބޯޓުގެ ކެޕްޓަނުން ތިބޭ ކޮކްޕިޓްގަ އެވެ.

ރޯވެފައި ހުރި އަލިފާންގަނޑު ޕައިލެޓުންނަށް ފެނުމާއެކު ނިއްވާލީ އެ މީހުން އަމިއްލައަށް ކަމަށްވެ އެވެ.

އެ ބޯޓަކީ ހަނިމާދޫން މާލެ ދަތުރުކުރުމަށް ހަމަޖެހިފައިވާ ބޯޓެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެ އެވެ.

އަލިފާން ރޯވުމާ އެކު ފްލައިޓުގައި ތިބި ދަތުރުވެރިން ރައްކާތެރިކަމާއެކު ޓާރމިނަލް ސަރަހައްދަށް ވަނީ ގެންގޮސްފަ އެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ މޯލްޑިވިއަންގެ ފްލައިޓެއް ހަނިމާދޫ އެއާޕޯޓުން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮކްޕިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި މިވަގުތު އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އަދި ބޯޓުގައި ތިބި ދަތުރުވެރިން ވެސް ސަލާމަތުން ބޭލިފައިވާ ކަމަށާއި ފްލައިޓް ޓޯ ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.