ސިއްހީ ހޭލުންތެރިކަން އިތުރުވަމުން ދިއުމާއެކު އަހަރުމެންގެ ކެއުމުގައި ސިއްހަތަށް ފައިދާހުރި ތަރުކާރީއާއި މޭވާތައް ހިމަނާ މިންވަރު މިވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެގޮތުން ބޮރޮކޮލީ މިހާރަކަށް އައިސް ކެއުން އާއްމުވެފައިވާ ފައިދާ ހުރި މާއްދާތަކުން މުއްސަނދި ފެހިކަން ގަދަ ތަރުކާރީ އެކެވެ. އޭގެ ތެރޭގައި ގިނަ މިންވަރަކަށް ވިޓަމިން ހިމެނުމާއެކު މިނަރަލްސް އާއި ފައިބާ ވެސް ހިމެނޭ ކެލޮރީ މަދު ތަރުކާރީ އެކެވެ. ހަޖަމުކުރާ ނިޒާމާއި ހިތުގެ ދުޅަހެޔޮކަމުގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކޮށްދޭ ވަރަށް ރަނގަޅު ތަރުކާރީ އެކެވެ.

ސަރުބީ އެއްވެސް ވަރަކަށް ނުހުންނަ މި ތަރުކާރީ ތަފާތު އެކި ގޮތް ގޮތަށް ކެއުމުގައި ބޭނުން ކުރެވޭއިރު ރޯ ނުފިލުވާވެސް ބޭނުން ކޮށްލެވިދާނެ ނުވަތަ ސްޓީމް ކޮށްލައިގެން ނޫނީ ކައްކައިގެން ނުވަތަ ސްމޫތީއެއް ތައްޔާރުކޮށްލައިގެން ވެސް ބޭނުންކޮށްލަން ރަނގަޅުވާނެ އެވެ. ނަމަވެސް މި މީރު ތަރުކާރީ މާގިނަ އިރު ކެއްކިއްޖެނަމަ މީގެން ލިބެންވީ ފައިދާ އެންމެ ފުރިހަމައަށް ނުލިބުން އެކަށީގެންވެ އެވެ. އޭގެ ބަދަލުގައި ކުޑަކޮށް ކައްކާލުމުން ލިބެންވީ ފައިދާ ފުރިހަމައަށް ލިބުމާއެކު އަނގައަށް ވެސް މީރުވެ އެވެ.

ބަރުދަން ލުއިކޮށްލަން ބޭނުންވާ ފަރާތްތަކުން ދުވަހުގެ ޑައެޓް ގައި ހިމަނާލަން އެންމެ މުހިންމު އެއް ތަރުކާރީ އަކީ ބޮރިކޮލީ އެވެ. މިއީ ކަށިތައް ވަރުގަދަކޮށްދީ ލޭ މައްޗަށް ދިއުމުން ދުރުކޮށްދޭ ތަރުކާރީއެއް ވެސްމެ އެވެ. ކެއްކުމަށްވުރެ ސްޓީމް ކޮށްގެން މި ތަރުކާރީގެ ފައިދާ އެންމެ ރަނގަޅަށް ލިބޭނެ އެވެ.

މި ތަރުކާރީ އަކީ ދިފާއީ ނިޒާމް ވަރުގަދަކޮށްދިނުމުގެ އިރުން ކެންސަރާ ދެކޮޅަށް މަސައްކަތް ކޮށްދޭ ތަރުކާރީ އެކެވެ.