ކޮކާކޯލާގެ ސަބަބުން ސިއްހަތަށް ވާ ގެއްލުމުގެ ވާހަކައަކީ އަހަރުމެން އަބަދުވެސް އަޑުއަހާ ވާހަކަ އެވެ. އަނގައަށް ކިތަންމެ މީރު ވިޔަސް ސިއްހަތަށް ފަރުވާތެރިވާން ބޭނުން ނަމަ ކޮކާކޯލާ ބުއިމާ ދުރުވާން ޖެހެ އެވެ.

ނަމަވެސް އެއީ އަހަރުމެންގެ ދިރިއުޅުމުގައި ކޯކުގެ ބޭނުން ނައްތާލާ ސަބަބެއް ކަމަށް ބުނެވޭކަށް ނެތެވެ. މި ލިޔުމުގައި މި ބަލާލަނީ ބޯން ބޭނުން ނުކުރި ނަމަވެސް ކޮކާކޯލާގެ ބޭނުން އަހަރުމެންގެ ދިރިއުޅުމުގައި ހިފިދާނެ ތަފާތު ގޮތްގޮތަށެވެ.

ފާޚާނާ ސާފު ކުރުން

ފާޚާނާ އަކީ ގިނަ މީހުން ސާފުކުރަން އެންމެ ފޫހިވާ އަދި އެންމެ ސާފުކޮށް ބަހައްޓަން ބޭނުންވާ ތަނެވެ. ބައެއް ފަހަރު ފާާޚާނާ ސާފުކުރަން އެތައް އިރެއް ހޭދަކުރަން ޖެހެެ އެވެ. މިއީ ކޯލާއިން ނުވަތަ ކޯކްއިން ނުހަނު ފަސޭހަކަމާއެކު ކޮށްދޭނެ ކަމެކެވެ. ކޯކް ތަޓްޓެއް ފާޚާނާއަށް އޮއްސާލުމަށްފަހު ފާޚާނާ އުނގުޅަން ޚާއްސަ ކުރެވިފައިވާ ބުރުހުން އުނގުޅާލާށެވެ. ކޯކްގައި ހުންނަ ބޭކިން ސޯޑާއާއި އެސިޑްތަކުގެ ސަބަބުން ފިލުވަން އުނދަގޫ ލައްތައްވެސް ފިލުވައި ފާޚާނާ ސާފުކޮށްދޭނެ އެވެ.

ގަސްގަހުގައި އަޅާ ފަނިފަކުސާ ނައްތާލުން

ބައެއް ދަނޑުވެރިން ގަވާއިދުން ދަނޑުގައިވާ ގަސްގަހުގެ ފަތްތަކަށް ކޯކް ޖަހަ އެވެ. ކޯކްއަކީ އާންމުކޮށް ގަސްގަހުގެ ކޫޑި މެރުމަށް އުފައްދާފައިވާ ބޭސްތަކަށްވުރެ އެތައް ގުނައެއް އަގުހެޔޮ އެއްޗަކަށް ވުމުގެ އިތުރުން ކޫޑިތައް ރަނގަޅަށް ނައްތާލާ އެއްޗެކެވެ. އޭގައި އެކުލެވޭ ގިނަ ހަކުރުގެ މާއްދާތަކުން ފަނިފަކުސާ މަރުވާ ކަމަށް ބުނެވެ އެވެ.

އަންނައުނުތަކުގައި ޖެހިފައިވާ ލައްތައް ފިލުވުން

އަގުބޮޑު ލައް ފިލުވާ ތަކެތިން ދޭނެ ބޮލަށް ތަދުވާ ވަހާއި އޭގެ ނުރައްކަލުން ސަލާމަތްވެވޭނެ ގޮތެއް މިއޮތީ އެވެ. ނުހަނު އުނދަގުލުން ފިލުވޭ ލައްތައްވެސް ކޯކުން ފަސޭހަކަމާއެކު ފިލުވާ ލެވޭނެ އެވެ. ކޯކްގައި އެކުލެވޭ ކާބަނިކް އެސިޑް އަދި ފޮސްފޮރިކް އެސިޑް އިން އަންނައުނުގައިވާ ކުލަތައް ދެމެހެއްޓުމާއެކު އޭގައި ޖެހިފައިހުރި ލައްތައް މުޅިން ފިލުވާލަ އެވެ. ދޮންނައިރު މެޝިނަށް ކޯކް ފޮދެއްވެސް އަޅާލާށެވެ.

ދަބަރު ފިލުވުން

ދަގަނޑު ހުރިހާ އެއްޗެއްގައިވެސް އޭގެ ހަޔާތުގެ ކޮންމެވެސް ހިސާބަކުން ދަބަރު ޖަހާނެ އެެވެ. އެއީ ގުދުރަތީ ކެމިކަލް ރިއެކްޝަން އަކަށް ވާތީއެވެ. ތަށްޓަކަށް ދަބަރުޖަހާފައިވާ އެއްޗެއް ލުމަށްފަހު އޭގެ ފުރެންދެން ކޯކް އަޅާށެވެ. ކޯކްގައިވާ ޕޮސްޕޮރިކް އެސިޑް އިން އެއްޗެހީގައިވާ ދަބަރު ފަށަލަ އެ އެއްޗަކާ ވަކި ކޮށްލާނެ އެވެ. މިއީ ވަރަށް ގިނަ ހާލަތްތަކުގައި ބޭނުން ހިފޭނެ އުކުޅެކެވެ.

ޗުއިންގަމް ފިލުވުން

ޗުއިންގަމަކީ އެ ތަތްލާ ތަނަކުން ނައްޓަން ވަރަށް އުނދަގޫ އެއްޗެކެވެ. ޚާއްސަކޮށް ބޮލުގެ އިސްތަށިގަނޑު ފަދަ ތަނެއްގައި އެ ތަތްލައިފިނަމަ ގޮތް ހުސްވާ ގޮތްވެ އެެވެ. އެހަނަސް ކޯކާކޯލާއަކީ މިކަމަށްހުރި ހައްލެކެވެ. ޗުއިންގަން ތަތްލާފައިވާ ތަނަށް ކޯކް އެޅުމަށްފަހު 5 ވަރަކަށް މިނެޓްފަހުން އެ ނެއްޓުމަށް މަސައްކަތް ކުރާށެވެ. ނުހަނު ފަސޭހަކަމާއެކު ނައްޓާލެވޭނެ އެވެ.

ބިއްލޫރި ސާފުކުރުން

ކޯކާކޯލާއަކީ ކުޑަދޮރު ތަކުގައާއި ލޯގަނޑުތަކުގައިވާ ހިރަފުސްތައް ނައްތާލައި އޭގައިވާ ފުސްކަން ފިލުވައި ސާފުކޮށްދޭ އެއްޗެކެވެ. ހަމައެއާއެކު ތަށިމުށިތަކުގައި މޮޕްކުރާއިރުވެސް ކޯކްކޮޅެއް ބޭނުންކުރުމަކީ ސާފުކުރުމަށް އެހީވެދޭނެ ކަމެކެވެ. ކޯކްގެ އުފެއްދުމުގައި ބޭނުންކުރާ މައިގަނޑު އެއް މާއްދާ ކަމަށްވާ ސިޓްރިކް އެސިޑަކީ ސާފުކުރުމަށް ބޭނުންކުރެވޭ އެއްޗެކެވެ.