ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވައި މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވުން އަންނަ މަހު ތިންވަނަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 9:00 އަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން ނޫން އިތުރު ކަމެއް ނޯންނާނެ އެވެ. އަދި މަޖިލީހުގެ ރަސްމީ މަސައްކަތްތައް ފަށަނީ އޭގެ ފަހުން ބާއްވާ ޖަލްސާތަކުގަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަހަރު އިއްވަވާ ރިޔާސީ ބަޔާނަކީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިއްވަވާ ހަތަރުވަނަ ރިޔާސީ ބަޔާނެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ޖެހޭ ބަޔާނެކެވެ. ގާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެ ކަމަށެވެ.

މަޖިލިސް މިއަހަރަށް ހުޅުވާއިރު، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ 2021 ގެ ދައުރުތައް ނިންމާލުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ، މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅާފަ އެވެ.