ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވި އަދަދު 71 އިތުރުވެއްޖެ އެވެ.

ފާއިތުވި ދެ ހަފުތާއެއްހާ ދުވަހު ޕޮޒިޓިވް ރޭޓު 50އަށް ވުރެ ދަށަށް ދިއުމަށް މިއަދު ކުއްލިއަކަށް ޕޮޒިޓިވް އަދަދު އިތުރުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކުގައި ސަބް-ކޮންޓްރެކްޓަރުޗައިނާ ސެކަން ހާބާރާ އިންޖިނިއަރިން ކުންފުނީގައި މަސައްކަތްކުރާ 45 މުވައްޒަފަކު ޕޮޒިޓިވްވެފައިވަނިކޮށެވެ.

އެ ނަތީޖާ އައީ 1،758 ސާމްޕަލުން ޓެސްޓު ކުރުމުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 15 ދިވެހީންނާއި 56 ބިދޭސީން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 60 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 11 މީހުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 11،893 އަށް އަރާފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 11،010 އެވެ. އަދި މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދަކީ 838 އެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން 38 މީހަކު ވަނީ މަރުވެފަ އެވެ.