ކުޑަ ކަމުދާ ނިޒާމުގެ ބަލިތައް، ހާއްސަކޮށް ކިޑްނީ ބައްޔަކީ އަހަރުމެންގެ މުޖުތަމައުގައި ވެސް ވަރަށް އާއްމު ބަލި ތަކެކެވެ. ފުރާނައަށް ނުރައްކާ ވެދާނެ މި ބަލިތަކަކީ ދިރިއުޅުމަށް ގެނެވޭ ކުޑަ ކުޑަ ބަދަލަކުން ވެސް ދުރުވެވިދާނެ ބަލި ތަކެކެެވެ.

ގިނައިން ފެންބުއިން

ފެން ގިނައިން ބުއިމުން ކުޑަކަމުދާ ހޮޅި ސާފުވެ ޖަރާސީމު އަށަގަތުމުން ދުރުހެލި ކޮށްދެ އެވެ. އެހެންކަމުން ދުވާލަކު މަދުވެގެން 8 ނުވަތަ 12 ތަށި ފެންބުއިން އާދަ ކުރަންވާނެ އެވެ. އަދި ހޫނުގަދަ މޫސުމުގައި ގިނައިން ފެންބުއިމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ.

ޖިންސީ ގުނަވަން ސާފުތާހިރުކޮށް ބެހެއްޓުން

ބޮޑުކަމު ދިއުމަށްފަހު ނުވަތަ ކުޑަކަމުދިއުމަށްފަހު ސައިބޯނި ބޭނުންކުރުމުގައި ވަސްގަދަ، ބާރުގަދަ ސައިބޯނި ބޭނުންކުރުން ރަނގަޅެއް ނޫނެވެ. އަދި ކުރިމަތި ފަރާތުން ފުރަގަސް ފަރާތަށް ވާގޮތަށް ފެން އެޅުމަށް އިސްކަން ދޭށެވެ. އޭގެ ސަބަބުން ބޮޑުކަމުދާ ތަކެތީގައި ހިމެނޭ ޖަރާސީމް، ކުރިމަތި ފަރާތަށް އައުން މަދުވާނެއެވެ. އަދި ދެމަފިރިކަމުގެ ގުޅުން ހިންގުމަށްފަހުވެސް އަވަހަށް ސާފުތާހިރުވުމަކީ މުހިއްމު ކަމެކެވެ.

ދޭތެރެ ދުރުކުރުމަށް ބޭނުންކުރާ ވަޞީލަތްތައް ބަދަލުކުރުން

ދޭތެރެ ދުރުކުރުމަށް ބޭނުންކުރާ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ޑަޔަފްރަމް ފަދަ ތަކެތި ގިނަ ދުވަހު ނުބަހައްޓައި ބަދަލުކުރުމަކީ މުހިއްމު ކަމެކެވެ.

ގަޔަށް އެހާ ބާރު ފޭރާން ނުލުން

ގަޔަށް ބާރުކޮށް ހުންނަ ޖީންސް ފަދަ ތަކެތި އަބަދު ލުމަކީ ރަނގަޅުކަމެއް ނޫނެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ވައި ބޭރުވުން މަދުވެ، ދާހިއްލާ ގޮތްވުމުން ހަންގަނޑު ތެމި ޖަރާސީމް އަށަގަތުން އަވަސްވެފައި ގިނަވާނެ އެވެ. އޭގެ ބަދަލުގައި ގަޔަށް ދޫ ހަރުވާޅު ކަހަލަ ފޭރާންލުން ރަނގަޅުވާނެ އެވެ. ހަމައެއާއެކު ނައިލޯން ޖަނގިޔަލުގެ ބަދަލުގައި ކޮޓަން ފޮތީގެ ޖަނގިޔާ ލުން ރަނގަޅުވާނެ އެވެ.