ބަޣްދާދު (26 ޖެނުއަރީ) - އިރާގުގެ މަޖިލީހުގެ ރައީސް މުހައްމަދު އަލް ހަލްބުސީގެ ގެކޮޅަށް ދިން ރޮކެޓް ހަމަލާތަކެއްގައި ދެ ކުޑަ ކުދިންނަށް އަނިޔާ ވެފައިވާ ކަމަށް އެގައުމުގެ ސަލާމަތީ ބާރު ތަކުން ބުނެފި އެވެ.

ވެރިރަށް ބަޣްދާދުގެ ހުޅަނގުން އޮންނަ އަންބާރު ޕްރޮވިންސްގެ ގުރްމާ އަވަށުގައި ހުންނަ ހަލްބުސީގެ ގެކޮޅަށް އަމާޒުކޮށް ތިން ރޮކެޓް ހަމަލާ ފޮނުވާލާފައިވާއިރު އެ ރެކޮޓުތައް ވެއްޓިފައިވަނީ ހަލްބުސީގެ ގެކޮޅާ ގާތްގަނޑަކަށް 500 މީޓަރު ދުރު ހިސާބަކަށެވެ.

މި ހަމަލާ ދީފައި މިވަނީ ހަލްބުސީގެ މަޖިލިސް ރައީސް ކަމުގެ ދައުރު އެގައުމުގެ މަތި ކޯޓުން ގަބޫލުކޮށް އެކަން އިއުލާން ކުރި ދަނޑިވަޅަކާ ދިމާކޮށެވެ. ހަމަލާ ދީފައި ވަނީ ހަލްބުސީގެ ފުރާނަފުޅަށް ނުރައްކާ ކުރަން ނަމަވެސް ހަމަލާގެ ވަގުުތު އޭނާ ގެކޮޅުގައި ހުންނެވި ކަމެއް ޔަގީނެއް ނުވެ އެވެ.

މި ހަމަލާގައި އަނިޔާވި ދެކުދިންނަށް ގުރްމާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެވެމުންދާ ކަމަށް އެގައުމުގެ ފުލުހުން ބުނެ އެވެ. އަދި މިހާތަނަށް ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައެއް ނުވެ އެވެ.

އުމުރުން 41 އަހަރުގެ ހަލްބުސީ އަކީ ތަގައްދުމް ޕާޓީ ތަމްސީލު ކުރައްވާ ސުންނީ ސިޔާސީ ބޭފުޅެކެވެ. އޭނާއަކީ 2018 ވަނަ އަހަރުން ފެށިގެން އިރާގުގެ މަޖިލީހުގެ ރައީސެވެ.

އިރާގުގައި އެގައުމުގެ ސިޔާސީ ޝަހްސުންނަށް އަމާޒުކޮށް ދެވެމުން އަންނަ ހަމަލާތައް މި ފަހަކަށް އައިސް އިތުރުވެފައި ވާއިރު މިއީ އިދިކޮޅު ޝީއީ ލީޑަރުންގެ އަމަލެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. -- އަލް އަރަބިއްޔާ