ވިޓަމިން ސީއަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް ބޭނުންތެރި އެހާމެ މުހިއްމު މާއްދާ އެކެވެ. ހާއްސަކޮށް ހަންގަނޑުގެ ދުޅަހެޔޮ ކަމަށް އޭގެ މުހިއްމުކަން ބޮޑެވެ. މި ލިޔުމުގައި މި ބަލާލަނީ ވިޓަމިން ސީ އިން ހަންގަނޑަށް ލިއްބައިދޭ ބައެއް ފައިދާތަކަށެވެ.

ހަންގަނޑު އަލި ކޮށްދޭ

ހަންގަނޑުގައިވާ ލައް ތައް އަލިކުރުމަށްޓަކައި ވިޓަމިން ސީ އެހީތެރިވެދެނީ ހަންގަނޑުގައިވާ ކަޅު މާއްދާއެއް ކަމަށްވާ މެލަނިންގެ އުފެއްދުން ދަށްކޮށް ދީގެންނެވެ. މެލަނިން އުފެދޭން މެދުވެރިވަނީ އިރުން ލިބޭ ގެއްލުމުން, ބަނޑުބޮޑުވުން, ބައެއް ވައްތަރުގެ ބޭސް ކެއުން އަދި މުސްކުޅިވުމުންނެވެ.

މުސްކުޅިވުމުގެ ނިޝާންތައް ކުޑަ ކޮށްދޭ

މުސްކުޅިވާހެން މީހާގެ ހަށިގަނޑުގައި ކޮލާޖެން އުފެދުން ދަށްވުމުން ހަންގަނޑު އިލާސްޓިކްކަން ގެއްލި ދޫވާން ފަށަ އެވެ. ކޮލާޖެން އުފެއްދުމުގައި ވިޓަމިން ސީ މުހިންމު ދައުރެއް އަދާކުރާއިރު ހަންގަނޑުގެ މުސްކުޅިވުމުގެ ދުވެލި ދަށްކޮށްދެ އެވެ. ކޮލާޖެންގެ ސަބަބުން ހަންގަނޑަށް އާރޯކަމެއް ލިބި މޫނުގައިވާ ރޫތަކާއި ބިހިތައް މަދުކޮށްދެ އެވެ.

އިރުގެ ގެއްލުންތަކުން ރައްކާތެރި ކޮށްދޭ

އިރުން ދޫކުރާ އަލްޓްރާވައިލެޓް ރޭޑިއަޝަން (ޔޫވީ)އަކީ ހަމުގެ ސެލްތައް މުސްކުޅިވުމާއި ގެއްލުން ލިބުމުގެ މައިގަނޑު އެއް ސަބަބެވެ. އިރުގެ ނުރައްކަލުން ހަންގަނޑު ސަލާމަތް ކުރުމަށްޓަކައި އެންމެ ރަނގަޅީ ވިޓަމިން ސީ ސިރަމްއަކާއި ސަން ސްކްރީންއެއް އެއްކޮށްލައިގެން ބޭނުންކުރުމެވެ.

ރަތްވުމާއި ދުޅަވުން ކުޑަ ކޮށްދޭ

ހަންގަނޑު ރަތްވުމާއި ދުޅަވުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް ހިމެނޭއިރު އޭގެ ތެރޭގައި އޮށާޅަ ނެގުމާއި އަވީގައި އުޅުން އަދި ޑާރމަޓިޓިސް ފަދަ ހަމުގެ ބަލިތަކުގެ އިތުރުން ބައެއް ބޭސްތަކަށް އެލާޖިކްވުން ހިމެނެ އެވެ. ވިޓަމިން ސީއަކީ ހަމުގެ ދުޅަކަމާއި ރަތްވުން ކުޑަކުރުމަށް އެހީތެރި ވެދޭ ވިޓަމިންއެކެވެ.