ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތަކުން ވަކި ގޮތެއް އަންގަންދެން ކުނި އުކާލުމުގެ ހިދުމަތަށް ބިލު ނުކުރަށް ވެމްކޯއިން ނިންމައިފި އެވެ.

ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އަތުން ކުނި އުކާލުމަށް ފީ ނެގުމަށް ކުރިން ނިންމާފައި ވީނަމަވެސް، އެނިންމުން ބަދަލުކޮށް އެފަރާތްތަކުގެ އަތުން މިވަގުތު ފީ ނުނަގަން ނިންމާފައި ވާކަމަށެވެ.

އަދި ބިލް ކުރާނަމަ ކުރިއާލާ ފްލެޓް ތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެކަން އަންގާނެ ކަމަށާއި، ފީ ނުނަގަން ނިންމީ، ފްލެޓް ތަކުގައި ދިރިއުޅެމުންދާ މީހުން އަދަދަށް ބެލުމަށްފަހު އެތަނުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން މީގެ އިތުރަށް ބުނީ ބިލް ނުކުރިނަމަވެސް އެ ފްލެޓް ތަކުން ކުނި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ވެމްކޯއިން ނަގަމުން ދާނެ ކަމަށެވެ. ހިޔާ ފްލެޓް ސަރަހައްދުގެ ކުނީގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެމައްސަލަ ހައްލެއް ލިބިފައިނުވާތީ ގިނަ ފަރާތްތަކުން އަންނަނީ ސަކުވާ ކުރަމުންނެވެ.

ހިޔާ ފްލެޓް ތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އަތުން ފީ ނުނަގަން ވެމްކޯއިން ނިންމާފައި ވާއިރު، ކުއްޔަށް އުޅޭ ފަރާތްތަކަށް ފިނިޝިން މަސައްކަތް ނިންމުމަށް އިތުރު ތިން މަސް ދުވަހުގެ މުއްދަތެއް ރައީސް ސޯލިހު ވަނީ ދެއްވާފަ އެވެ. އެ މުއްދަތު އަންނަ މާޗް މަހަށް ހަމަވާނެ އެވެ.