ރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ސިޔާސަތުތަކަށް ނޭދެވޭ އަސަރެއް ކުރާނެ ގޮތަކަށް ސިޔާސީ ހަރަކާތް ހިންގައިފި ނަމަ އަދަބު ލިބޭ ބިލެއް އެމްޑީޕީން ޑްރާފްޓްކޮށްފި އެވެ.

މި ހަފްތާގައި މަޖިލިސް ހުޅުވޭއިރު މަޖިލީހަށް އެބިލު ހުށަހެޅުމަށް އެމްޑީޕީއިން ވަނީ ނިންމާފަ އެވެ. މި ބިލަށް ދީފައިވާ ނަމަކީ "ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" އެވެ.

ބިލުގެ ޑްރާފްޓް އެމްޑީޕީގެ މަޖިލީސް މެމްބަރުންނާ މިހާރު ހިއްސާކޮށްފައިވާއިރު، އެ ޑްރާފްޓުގައިވާ ގޮތުން އެ ބިލުގެ މައިގަނޑު މަގްސަދަކީ ބޭރު ގައުމުތަކާއި އެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރުކޮށްފާނެ އަމަލުތައް ހުއްޓުވުމެވެ.

މިގޮތުން އެފަދަ އަމަލެއް ކަމަށް ބެލެވޭނީ ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި ދެ ގައުމުން ބަލައިގެންފައިވާ އުސޫލުތަކާއި އެއްގޮތް ކަމެއްގައި ރައްޔިތުންގެ ނަމުގައި ރާއްޖެ ރަމްޒުވާ ގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ވަކި ގައުމެއްގެ ސަރުކާރާއި އެ ގައުމެއްގެ ވަކި މުއައްސަސާ އަކާއި ދެކޮޅަށް މުޒާހަރާ ކުރުމާއި ސިޔާސީ ހަރަކާތް ހިންގުން ކަމަށެވެ.

މީގެ އިތުރުން ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ އަސްކަރީ، ސިޔާސީ އަދި އިގްތިސާދީ ބާރުވެރިކަމުގެ ދަށުގައި ރާއްޖޭގެ ސިޔާދަތާއި، އިސްތިގުލާލު ވާކަން ދެއްކުމުގެ ގޮތުން ވަކި ގައުމަކާއި ދެކޮޅަށް ސިޔާސީ ހަރަކާތް ހިންގުމަކީވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މި ބިލުގައި ކުށެއް ކަމުގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ 20،000 ޖޫރިމަނާ ކުރުން، ޖަލަށް ލުން ނޫނީ ގޭގައި ބަންދު ކުރުން ފަދަ އަދަބުތައް ދެވޭނެ އެވެ.

އެމްޑީޕީން މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާއިރު ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ "އިންޑިއާ އައުޓް" ނަމުގައި ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި މިސަރުކާރުން އިންޑިއާ ދެމެދު އަޑި ނޭނގޭ އެތަކެއް އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. މީގެ އިތުރުން ރާއްޖޭގައި އިންޑިއާގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އިދިކޮޅު ތުހުމަތު ކުރެ އެވެ.

ރާއްޖެއިން އިންޑިއާ ސިފައިން ބޭރުކުރުމުގެ ހަރަކާތް މިހާރު ވަރަށް ވަރުގަދަ ކުރައްވާފައިވާއިރު ސަރުކާރުގެ އިސްވެރިންނަށް ދަނީ އެކަން ހުއްޓުވުމަށް ކުރެވެން އޮތްހާ ކަމެއް ކުރަމުންނެވެ.