ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1،473 ސާމްޕަލްއިން 39 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 32 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަލަށް ބައްޔަށް ޕޮޒިޓިވްވި 39 މީހުންނާއެކު، ކޯވިޑައަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 11،932އަށް ވަނީ އިތުރުވެފަ އެވެ.

މިއަދު ޕޮޒިޓިވްވި 39މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 19 ބިދޭސީންނެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 845 މީހުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖެއިން 11،041މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި މިއަދު 31 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި އަދިވެސް 212 މީހުން ދަނީ ފަރުވާ ހޯދަމުންނެވެ. މީގެ ތެރޭގައި 54މީހުންނަށް ހޮސްޕިޓާލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންގެންދެ އެވެ.

ކޮވިޑް ޖެހިގެން 39 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 32 ދިވެހިންނާއި ހަތް ބިދޭސީން ހިމެނެ އެވެ.

މި ބައްޔަށް މިހާރު ވެސް 15ރަށެއްގައި ޕޮޒިޓިވް 20 މީހުން އެބަތިއްބެވެ. އެއީ ރަށަށް ދަތުރުކުރުމަށްފަހު ކަރަންޓީގައި ތިބި 13 މީހުންނާއި ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ އެކަކާއި އަދި ރަށުން ފަތުރުވެރިން ފުރުމުގެ ކުރިން ހަދާ ޓެސްޓުން ޕޮޒިޓިވްވިކަން އެނގުނު ހަ މީހެކެވެ. މީގެ އިތުރަށް 28 ރިސޯޓެއްގައި ވެސް ބައްޔަށް ޕޮޒިޓިވްވި 52 ޓޫރިސްޓުންނާއި 120 ސްޓާފުން ޕޮޒިޓިވްވެފައިވެ އެވެ.