ކޮވިޑް-19 އާ ގުޅިގެން ވިޔާފާރިތަކަށް ދިމާވާ ދަތިތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރީޓެއިލާސް ލޯނަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ އެ ލޯނަކީ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ފައިސާ އާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރާ ލޯނެއް ކަމަށެވެ. އަދި ވިޔަފާރިތަކުން ޕީއޯއެސް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުގެ ޖުމްލަ ވިޔަފާރީގެ ތިންގުނައާ ހަމަޔަށް ރީޓެއިލާސް ލޯނު ދޫކުރާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. މިގޮތުން ލޯނު އަދި އޯވާޑްރާފްޓްގެ ގޮތުގައި ވެސް ރީޓެއިލާސް ލޯނު ދޫކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ ލޯނުގެ ޝަރުތުތަކަށް މިއަދު ގެނައި ބަދަލުތަކާއެކު، މަހެއްގެ މައްޗަށް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރިތަކުން ހޯދަންޖެހޭ އާމްދަނީ 50،000ރ. އިން 30،000ރ. އަށް ދަށްކޮށްފައިވާ ކަމަށެވެ. އަދި އެ ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގިނަ ވިޔަފާރިތަކަކަށް އެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނިގޮތުގައި އެ ލޯނަށް ކަނޑައެޅިފައިވާ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރިތަކުން ވޭތުވެދިޔަ އެއް އަހަރު މެދުކެނޑުމެއް ނެތި ޕީއޯއެސް އިން ވިޔަފާރީގެ މުއާމަލާތް ހިންގާފައި ހުންނަން ޖެހެ އެވެ.

"މިއަދު ގެނެވުނު ބަދަލުތަކުގެ ތެރޭގައި ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން މިވަނީ އެންމެ ބޮޑަށް ގެއްލުންވެގެން ދިޔަ މަސްތަކުގެ ވިޔަފާރި ނުހިމަނާ ގޮތަށް ކަނޑައަޅާފަ އެވެ. މި ގޮތުން ވޭތުވެދިޔަ ހަ މަސްދުވަހުގެ އެވްރެޖްގެ ގޮތުގައި ކަނޑައެޅިފައިވާ 30،000 ރުފިޔާ ހަމަކުރުމުގައި ވިޔަފާރިތަކަށް އެންމެ ބޮޑު ނޭދެވޭ އަސަރުކޮށްފައިވާ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ނުހިމަނާ ގޮތަށް ވަނީ ހަމަޖެހިފައެވެ." އެ ބޭންކުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ބީއެމްއެލްގެ ޑައިރެކްޓަ އޮފް ރީޓެއިލް މޫސާ ނިމާލް ވިދާޅުވީ ކޮވިޑް-19 ގެ މިވޭތުވެދިޔަ މުއްދަތުގައި ވިޔަފާރިތަކަށް އެހީވުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް ބޭންކުން އަޅާފައިވާ ކަމަށެވެ.

"ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ވިޔަފާރިތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައި ރީޓެއިލާސް ލޯނާއި ބީއެމްއެލް އިސްލާމިކް ރީޓެއިލާސް ފައިނޭންސިންއަށް މިފަދަ ބަދަލުތަކެއް ގެނެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މިފަ ދަތި އުނދަގޫ ހާލަތެއްގައި ވެސް އަޅުގަނޑުމެންގެ އަމާޒަކީ ހަރުދަނާ ގޮތެއްގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔުން،" އޭނާ ވިދާޅުވެފައިވެ އެވެ.